ޚަބަރު

ރާވެރިބޭގެ ޖިހާދުގެ ފެތުމުގަ ބައިވެރިވުމަށް ގިނަ ބަޔަކު އެދެފި


މިނިވަން ފަންސާހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފެތުމުގެ އިވެންޓުގައި ބައިވެރިވުމަށް މިހާތަނަށް ފަނަރަސަތޭކައަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އިން ހާމަކުރައްވައިފިއެވެ.ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ މުނާސަބާ ގުޅިގެން ހިންގޭ ހަރަކާތުގެ ތެރޭގައި ހިމެނޭ '' ރާވެރިބޭގެ ޖިހާދުގެ ފެތުން'' ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގޭ މީޑީޔާ ކޯރޑިނޭޓަރ ތަޒްމީލް އަބްދުއް ސަމަދު ވިދާޅުވީ، ފެތުމުގެ އިވެންޓުގައި ދައުލަތުގެ ވަޒީރުންނާއި، އިސްވެރިންގެ އިތުރުން ސްކޫލް ދަރިވަރުންނާއި އާންމު ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ. އަދި ފެތުމުގެ އިވެންޓު ކުރިއަށް ދާނީ ވިލިނގިލިން މާލެއަށް ކަމަށާއި އިވެންޓުގައި ފަތާ ފަރާތްތަކުން ވިލިނގިލިން މާލެއާ ހަމައަށް ފެތުން މަޖުބޫރު ނޫންކަމަށްވެސް ތަޒްމީލް ވިދާޅުވިއެވެ.މި އިވެންޓު ހިނގަމުންދާ ވަގުތު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާރޑާއި، ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.ފެތުމުގެ އިވެންޓުގައި ބައިވެރިވުމަށް އަތޮޅުތެރެއިން މާލެ އަންނަ ފަރާތްތަށް ބުރާސްފަތި ދުވަހު މާލެ އަންނާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.