ޚަބަރު

މާއްދާ 4ގެ ނަމުގައި އެމްއާރުއެމްގެ ކެމްޕެއިން ރަސްމީކޮށް ފަށައިފި


ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމުގެ ތާއީދާއެކު މޯލްޑިވްސް ރިފޯރމް މޫވްމަންޓް އެމްއާރުއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޙަރަކާތްތައް ރަސްމީކޮށް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްއާރްއެމްގެ ފަރާތުން ވާދަ ކުރައްވާ 20 ކެނޑިޑޭޓުންނާއެކު މާއްދާ ހަތަރެއްގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފައްޓަވައި ދެއްވީ އެމްއާރްއެމްގެ ބާނީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ.

މިކަމަށް ޚާއްޞަކޮށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއާރުއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ވަނީ ރައީސް މައުމޫންގެ ތާއީދު އޮތްކަން ބަޔާންކޮށްދޭ ސިޓީފުޅެއްވެސް ދެއްވާފައެވެ. ކެނޑިޑޭޓުންނަށް މިސިޓީ ޙާވާލުކޮށްދެއްވީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.

މި ރަސްމިއްޔާތުގައި ވަނީ އެމްއާރްއެމްގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ރަސްމީކޮށް ބޭނުން ކުރާ ލަވަ ލޯންޗު ކުރުމުގެ އިތުރުން އެމްއާރްއެމްގެ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާ މާއްދާ ހަތަރަކީ ކޮބައިކަން ބުނެދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައެވެ.

މާއްދާ ހަތަރަކާއި ގުޅޭ ގޮތުން އެމްއާރްއެމުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނެފައި ވަނީ މާއްދާ 4 އަކީ ޤާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއަށް އަލި އަޅުވާލުން ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަން ބަޔާންކޮށްފައިވާއިރު، އެމްއާރްއެމްގެ މަސައްކަތްތައް ބައްޓަން ކުރާނީ މާއްދާ 4ގެ ދަށުން ކަމަށް އެ ޕާޓީން ބުނެއެވެ.

ކުރީގެ ރައީސް މައުމޫންގެ ތާއީދާއެކު ކުރިއަށް އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްއާރްއެމްގެ ފަރާތުން ވާދަކުރައްވާ 20 ކެނޑިޑޭޓުންނަކީ:

01 - ތުޅާދޫ ދާއިރާއަށް - އިބްރާހީމް އަފީފް
02 - ތުލުސްދޫ ދާއިރާއަށް – މުޙައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ)
03 - ގުރައިދޫ ދާއިރާއަށް – މުޙައްމަދު ޝާހް
04 - ދިއްގަރު ދާއިރާއަށް – އަޙްމަދު ނާޒިމް (މެމްބަރު ނާޒިމް)
05 - މުލަކު ދާއިރާއަށް – މުޙައްމަދު ފައިޞަލް
06 - ނިލަންދޫ ދާއިރާއަށް – އަބްދުލް މުހުސިން ޙަމީދު (ޖޭފޯ)
07 - ކުޑަހުވަދޫ ދާއިރާއަށް – އަލީ ޝިޒްމީ
08 - ތ. ގުރައިދޫ ދާއިރާއަށް – އިބްރާހީމް މަނިކް
09 - އިސްދޫ ދާއިރާއަށް – މުޙައްމަދު ޝަފީގު
10 - ގަމު ދާއިރާއަށް – ފަރުހާދު ދާވޫދު
11 - ފޮނަދޫ ދާއިރާއަށް – އަބްދުﷲ ކަމާލުއްދީން (އޭކޭ)
12 - ތިނަދޫ އުތުރު ދާއިރާއަށް – ސައުދުﷲ ހިލްމީ (އެމްޕީ)
13 - މަޑަވެލި ދާއިރާއަށް – އާފިޔާ އަލީ
14 - ހިތަދޫ އުތުރު ދާއިރާއަށް – އަލީ އިބްރާހީމް
15 - ހެންވޭރު އުތުރު ދާއިރާއަށް – އިބްރާހީމް ޒިޔަތު
16 - ގަލޮޅު ދެކުނު ދާއިރާއަށް – އައިމިނަތު ނާދިރާ
17 - މައްޗައްގޮޅި އުތުރު ދާއިރާއަށް – ފާރިސް މައުމޫން
18 - މާފަންނު ހުޅަނގު ދާއިރާއަށް – އިސްމާއީލް މާޖިދު
19 - މާފަންނު މެދު ދާއިރާއަށް – އިލްޔާސް ފަރުހާދު
20 - މާފަންނު ދެކުނު ދާއިރާއަށް – ހުސައިން ނަދީމް

އެމްއާރުއެމްގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ހަވާލުކުރި ސިޓީއާ ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމްގެ ކެނޑިޑޭޓުން ވާދަކުރައްވާ ދާއިރާތަކުގެ ރައްޔިތުންނަށް އެ ސިޓީ ފޮނުވާފައިވާނެ ކަމަށާއި އެއާއެކު އެ ދާއިރާތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެމަނިކުފާނު ތާއީދު ކުރައްވާ ކެނޑިޑޭޓުންނަކީ ކޮބައިކަން ރައްޔިތުންނަށް ވިދާޅުވެފައި ވާނެކަމަށެވެ.