ޚަބަރު

އަމާޒަކީ ޑިމޮކްރަސީގެ އެންމެ މަތީ ހަރުފަތަށް ރާއްޖެ ގެންދިއުން - މައުމޫން


މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރަނީ ރާއްޖޭގައި އޮތް ޑިމޮކްރަސީ އޭގެ އެންމެމަތީ ހަރުފަތަށް ގެންގޮސް ދިނުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނކިުފާނުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެޕްޕެއިން ޙަރަކާތްތައް ފެށުމުގެ ގޮތުން "މާއްދާ4"ގެ ނަމުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި އޮތް ޑިމޮކްރެޓިކް ނިޒާމުގައި ގިނަ މައްސަލަތަކެއް އެބަހުރިކަމަށާ އެނިޒާމް އެންމެ ފުރިހަމަ ނޫން ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 4ވަނަ މާއްދާއަށް ރިއާޔަތްކޮށް މާއްދާ ހަތަރެއްގެ ނަމުގައި މި ކެންޑިޑޭޓުން ވާދަކުރައްވަނީ ޑިމޮކްރަސީ އެންމެ މަތީ ހަރުފަތަށް ދިއުމަށް ކަމަށެވެ.

"މާއްދާ4"އަކީ ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ. އެއީ ޑިމޮކްރަސީގެ ޙަޤީޤީ މާނަ. އެއީ އޭގެ ޖައުހަރު. އަސާސް. ރާއްޖޭގައި އޮތީ އެންމެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ނޫން. އެނިޒާމްގައި އުނި ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެން މިތިބީ އެކަން އިސްލާޙް ކުރަން ނިކުމެ." މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ރާއްޖޭގެ ކަންކަން އިސްލާޙް ކުރަން ޖެހިފައި ކަމަށާއި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ދާއިރާއާއި މުއައްސަސާތައްވެސް އިސްލާޙް ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެމްއާރްއެމްގެ އެންމެ މުހިންމު މަޤުޞަދަކީ އިސްލާހު ކުރުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ، ޕާޓީތަކުން އެކުގައި މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް އެއްބަސްވި ކަމަށާއި އެގޮތަށް ވާދަ ކުރިނަމަ މާރަނގަޅުވީސް ކަމަށެވެ. އަދި އެހެން ނުވިނަމަވެސް އެމްއާރުއެމް އޮންނާނީ ސަރުކާރާއެކުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައިކަމަށާއި އެންމެ ހަމަޖެހޭގޮތަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަތަރު ޕާޓީގެ ލީޑަރުންގެ މެދުގައި އެއްބަސްވެފައިވާ ގޮތަށް ކޯލިޝަންގެ ހަތަރު ޕާޓީގެ މެދުގައި ހަމަޖެހޭ އުސޫލަކުން ގޮނޑިތައް ބަހާލައިގެން އިންތިޚާބުގައި ވާދަކުރިނަމަ ވަރަށް ބޮޑަށް ރަނގަޅުވިސް ކަމުގައި އަޅުގަނޑަށް ގަބޫލް ކުރެވޭ." މައުމޫން ވިދާޅުވިއެވެ.

އެމްއާރްއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ބޭޭއްވި ޖަލްސާގައި ވަނީ ކެމްޕެއިން ލަވަ ލޯންޗްކޮށްފައެވެ. އަދި މި ޖަލްސާގައި "މާއްދާ4"ގެ އަސާސްތައް ހާމަކޮށްފައިވާއިރު މޯލްޑިވްސް ރިފޯރމް މޫވްމަންޓް ސިޔާސީ ޕާޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.