ޚަބަރު

އެފްއޭއެމްއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަހަރުގެ އިންތިހާބްއަށް ކުރިމަތިލާން ބައްސާމް ގޮވާލައިފި


އަމިއްލަ ފައިދާ އިސްނުކޮށް، ފުޓްބޯޅައަށް ރަގަނޅު މެނިފެސްޓޯއަކާއިއެކު މިއަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިޙާބްއަށް އާއި ކުރިމަތިލުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޮވާލައިފި. ބައްސާމް މިހެން ގޮވާލާފައިވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބްއިން އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލް ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ. ވިކްޓްރީއިން އެކްސްޓްރާ އޯޓަނަރީ ކޮންގެރެސްއެއް ބެއްވުމަށް އެދިފައި ވީނަމަވެސް، އެފްއޭއެމްއިންވަނީ އެފަދަ ކޮންގްރެސްއެއް ބޭއްވުމުގެ ޖާގައެއް ނެތްކަމަށާއި މިމަހުގެ 25ވަނަ ދުވަހު އެކްސްޓްރާ އޯޑަނަރީ ކޮންގްރެސްއެއް ބެއްވުމަށް ނިންމާފައިވުމުން، އޭގެ ކުރިން ކޮންގްރެސްއެއް ބޭއްވުމުގެ މާނައެއް ނެތްކަމަށް.
ބައްސާމް މިއަދު ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ދަ ގްރާންޑޭ، ޔުނައިޓެޑް ވިކްޓްރީ އަދި ކްލަބް އީގަލްސްގެ އޮފިޝަލުންނާއެކު. ބައްސާމް ވިދާޅުވީ މިއީ ބައެއްގެ މީހުންގެ އަމިއްލަ ފައިދާއަށްޓަކައި ކުރާކަމެއްކަމަށާއި މިއީ ފުޓްބޯޅައަށް ހޮޔޮއެދިގެން ކުރާކެމެއްނޫންކަމަށް. އެފްއޭއެމްގެ ލީޑާރޝިޕް ބަދަލްކުރުމަށް މިއަދާހަމައަށް އެއްވެސް ކުލަބްއަކުން ރަސްމީކޮށް ހުށައަޅާފައިނުވާކަމަށާއި އަދި އެފްއޭއެމްގައި އެއްވެސް މައްސަލައެއް އުޅޭކަމަށް އެއްވެސް ކުލަބްއަކުން ހުށައަޅާފައިނުވާކަމަށް. ވިކްޓްރީ ސްޕޯޓްސް ކުލަބްއިން 15 ކުލަބްއެއްގެ ސޮއިއާއެކު ހުށައެޅި ނަމަވެސް ނިއު ސަސްޕެންޑްކޮށްފައިވާތީ އެކުލަބްގެ ސޮއި ބަލައިނުގަނެވޭނެކަމަށް އެފްއޭއެމްއިން ވަނީ ނިންމާފަ. އަދި ރޮކް ސްޓްރީޓްސް އާއި ފޯކައިދޫ އަކީ މެމްބަރު ކްލަބްތަކަށް ނުވާތީ އެ ކްލަބްތައް ވެސް ބަލައި ނުގަނެވޭނެކަމަށާއި އަދި އިތުރު ހަތަރު ކްލަބަކުން ނަން އަނބުރާ ގެންގޮސްފައިވުމުން ކޮންގްރެސްއެއް ބޭއްވުމަށް ގާނޫނީ އަދަދު ހަމަނުވާ ކަމަށް އެފްއޭއެމްއިންވަނީ ބުނެފަ.
ބައްސާމް ވިދާޅުވީ އެފްއޭއެމްއަކީ ކުލަބްތަކުން ހިންގާ އިދާރާއެއްކަމަށާއި އަބަދުވެސް ކުލަބްތަކަށް މަޝްވަރާގެ ދޮރު ހުޅުވިފައިވާކަމަށް. އަދި މައްސަލަ އުޅޭނަމަ މަޝްވަރާގެ ރީތި އާދަ އިސްކުރުމަށްވެސް ބައްސާމް ގޮވާލާފައިވޭ.

"ވިކްޓްރީގެ ލިއުމުގައި ކުލަބްތަކުން ސޮއިކުރީ މަޖުބޫރުވެގެން. އެކަމުގެ ތަފްސީލްއަށް ދާކަށް އަޅުގަނޑު ބޭނުމެއް ނޫން. ކުލަބްތަށް އޮތީ އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓްއާއި އެއްކޮށް. ކުލަބްތަކުން ބޭނުމެއް ނުވޭ މިފަދަ ކަންތަށްތަކުގެ ތެރެއަށް ވަންނާކަށް. ކުލަބްތަކުން ބޭނުންވަނީ ކުރިއަށް ސީޒަންއަށް ތައްޔާރުވާން. ކޮންމެ ބޭފުޅަކަށްވެސް އެފްއޭއެމްއަށް އާދެވިދާނެ. އެމަސައްކަތް ކުރަންވީ، ރަގަނޅު މެނިފެސްޓޯއަކާއިއެކު އެކަން ކުރަންވީ. ކުލަބްތަކުގެ ތާޢީދުވެސް ހޯދަންވީ. އެކަން ކުރުމަށް އެންމެ ރަގަނޅު ފުރުސަތަކީ މިއަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިޙާބް." ބައްސާމް ބުންޏެވެ.

ބައްސާމް ވިދާޅުވީ ކުލަބްތަކުން ބޭނުންވަނީ މިފަދަ ކަންތަށްތަކުން ދުރުވެ، ކުރިއަށް ސީޒަންއަށް ސީޒަންއަށް ދައްޔާރުވާންކަމަށް.