ސިޔާސީ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަޙްޤީޤަށް އެންމެބޮަޑަށް ހުރަސްއެޅީ ބޭންކުތަކުން - އޭސީސީ


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލަ ތަޙްޤީޤްކުރިއަށްގެންދަން މަޢުލޫމާތުދިނުމަށް ބޭންކުތަކުން ދެކޮޅުހެދިކަމަށް އެންޓި-ކޮރަޕްޝަންސް ކޮމިޝަންގެ ނާއިބުރައީސް މުޢައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭސީސީގެ މެންބަރުން ޙާޒިރުކޮށް ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުނު އެމްއެމްޕީއާރުސީގެ ތަޙްޤީޤީ ރިޕޯޓާގުޅޭ މަޢޫލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޭސީސީގެ މެންބަރުން ޙާޒިރުކުރުމުން އެ ކޮމިޓީއަށް ވަޑައިގަތީ އެ ކޮމިޝަންގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދާއި މެންބަރު އާއިމިނަތު މިންނާއާއި މެންބަރު ޔަޒްމީދު މުޙައްމަދެވެ.

އޭސީސީގެ މެންބަރުންނާއި މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އެސުވާލުތަކަށް ޖަވާބުދެއްވަމުން އޭސީސީގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ތަޙްޤީޤް ކުރިއަށް ގެންދިޔައިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން އެއްބާރުލުން ނުދިނުންކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައަކީ އޭސީސީން ކުރިއަށް ގެންދިޔަ ތަޙްޤީޤްތަކަށް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި މައްސަލަކަން ފާހަގަކުރައްވަމުން މުޢައްވިޒް ވިދާޅުވީ، ބޭންކުތަކުން މަޢުލޫމާތު ހޯދުމަށް އެދުމުން އެކަމަށް ކަނޑައެޅިގެން ފާޅުގަ ދެކޮޅު ހެއްދެވިކަމަށެވެ. ބޭންކުތަކުގެ އިސްވެރިންނާ ބައްދަލުކޮށްގެންވެސް މަޢޫލޫމާތު ހޯދުމަށް މަސައްކަތްކުރުމުންވެސް ދެކޮޅު ހެއްދެވިކަމަށާއި، އެހެންކަމުން ބައެއް ބޭންކުތަކަށް ޤާނޫނީ އިންޒާރުވެސް ދެއްވާފައިވާނެކަމަށް އޭސީސީގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވިއެވެ.

އަދި ބައެއް ތަންތަނުން ބައެއް ޑޮކިއުމަންޓް ދިނުމަށްވެސް ދެކޮޅު ހެއްދެވިކަމަށާއި، އެ ތަންތަނުގެ ގުދަންފަދަ ތަންތަން ވަރަށް ބޮޑަށް ބަލައިގެން ބައެއް ޑޮކިއުމަންޓްތައް ހޯދާފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ތަންތަނުން އޭސީސީން ބޭނުންވާ މަޢޫލޫމާތު ނެތްކަމަށް ބުނަމުން ދިޔަކަމަށްވެސް މުޢައްވިޒް ވިދާޅުވިއެވެ.

"ބޭންކުތަކުން އެއްބާރުލުން ނުދީގެން އެމްއެމްއާއި މަޝްވަރާކުރިން. އަދި ބައެއް ބޭންކުތަކަށް ޤާނޫނީ އިންޒާރުވެސް ފޮނުވާފައި ހުންނާނެ. އަދި ބައެއް މީހުން ޙާޒިރުކޮށް ސުވާލުކުރުމުން އެއީ ނެތް މައުލޫމާތުކަމަށް ބުނެ ފަސްޖެހުމާއި ދެމީހެއްގެ ވާހަކަތައް ދިމާނުވުންފަދަ ކަންކަން ދިމާވި." މުޢައްވިޒް ވިދާޅުވިއެވެ.

މުޢައްވިޒް ވަނީ ބައެއް ފަރާތްތަކުން ނަގުދު ފައިސާއިން މުޢާމަލާތްކޮށްފައިވާތީ އެ ފައިސާތައް ޓްރޭސްކުރަންވެސް ވަރަށް ބޮޑަށް ދަތިވިކަމަށް ވިދާޅުވެފައެވެ. އަދި ޤާނޫނީ ގޮތުން ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކުގެ ތަފްސީލްވެސް އޭނާވަނީ ކޮމިޓީއާ ޙިއްސާކުރައްވާފައެވެ.
ކޮމިޓީގެ މެންބަރުން ވަނީ އޭސީސީން ތަޙްޤީޤް ރިޕޯޓް ނެރުން ލަސްވުމުންވެސް ސުވާލުކޮށްފައެވެ. އެކަމަށް ޖަވާބުދެއްވަމުން އެ ކޮމިޝަންގެ މެންބަރު އާމިނަތު މިންނާ ވިދާޅުވީ، ތަޙްޤީޤީ ރިޕޯޓް ނެރުން ލަސްކުރީ ނޫންކަމަށާއި، އެ ކޮމިޝަނަށް ޤާނޫނީ ޓީމުން ރިޕޯޓް ނެރެން ލަފާދީފައިނުވާކަމަށެވެ. އަދި އެ ރިޕޯޓް ނެރެފިނަމަ ޕޮލިސް ސާރވިސްފަދަ އިދާރާތަކުން ކުރިއަށްގެންދާ ތަޙްޤީޤަށް ހުރަސްއެޅިދާނެކަމަށްވެސް ބެލެވުނުކަމަށް މިންނާ ވިދާޅުވިއެވެ. އޭސީސީން އެ ރިޕޯޓް މިސަރުކާރު އައިފަހުން ނެރުނީ ކީއްވެތޯ މެންބަރުން ސުވާލު ކުރުމުން މިންނާ ވިދާޅުވީ، އެ ރިޕޯޓް ނެރުނީ ވަކި ސަރުކާރެއް އޮތުމުން ނޫންކަމަށެވެ.

"މިއީ ފުލުހުންވެސް ތަޙްޤީޤްކުރަމުން އަންނަ މައްސަލައަކަށްވާތީ ރިޕޯޓް ނެރެފިނަމަ އެތަޙްޤީޤަށް ހުރަސްއެޅިދާނެކަމަށްވެސް އަޅުގަނޑުމެނަށް ޤަބޫލުކުރެވުނު." މިންނާ ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވީ، ސަރުކާރުގެ 73 އިދާރާއަކުން އެތަޙްޤީޤަށް ބޭނުންވަ މަޢުލޫމާތު ހޯދިކަމަށެވެ.