ސިޔާސީ

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަނީ 389 ކެނޑިޑޭޓުން


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިފަހަރު ވާދަކުރަނީ 389 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކެނޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަންތައް ތަރުތީބުކޮށް އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުންގެ ޢަދަދު އިލެކްޝަނުން ފައިނަލްކޮށްފައިވާއިރު، މިފަހަރުގެ އިންތިހާބުގައި 31 އަންހެން ކެނޑިޑޭޓުންނާއި، 358 ފިރިހެން ކެނޑިޑޭޓުންނާއިއެކު ޖުމްލަ 389 ކެނޑިޑޭޓުން ވާދަކުރާނެއެވެ. މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި މިފަހަރު 175 ކެނޑިޑޭޓުން ވާދަކުރާނެއެވެ.

އިންތިޚާބަށް ވާދަކުރުމުގެ މުއްދަތު ހަމަވިއިރު 407 ފަރާތަކުން ފޯން ހުށައެޅިނަމަވެސް، ފޯމް ބާތިލްވެގެންނާއި ކެނޑިޑެންސީ އަނބުރާ ނެގުމުގެ ސަބަބުން މިހާރު އިންތިޚާބުގައި ވާދަކުރާނީ 389 ކެނޑިޑޭޓުންނެވެ.

މަޖިލިސް އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ ފަރާތުން އެންމެ ގިނަ ދާއިރާތަކަށް ވާދަކުރަނީ ސަރުކާރުގެ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީންނެވެ. އެމްޑީޕީން 86 ދާއިރާއަށް ވާދަކުރެއެވެ. ސަރުކާރުގެ ކޯލިޝަން ހިމެނޭ ޖުމްހޫރީ ޕާޓީން 41 ދާއިރާއަށް ވާދަކުރާއިރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން 9 ދާއިރާއަކަށް ވާދަކުރެއެވެ.

ޕީޕީއެމުން 26 ދައިރާއަކަށް ކެންޑިޑޭޓުން ނެރެފައިވާއިރު، އެ ޕާޓީއާއި އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީން 23 ދާއިރާއަކަށް އަދި ޑީއާރުޕީން 5 ދާއިރާއަކަށް ވާދަކުރެއެވެ. އެމްޑީއޭއިން ވާދަކުރަނީ 8 ދާއިރާއަކަށެވެ. އަދި ދާދިފަހުން އުފެއްދި އެމްޓީޑީން 10 ދާއިރާއަކަށް ވާދަކުރާއިރު ލޭބަރ ޕާޓީން 9 ދައިރާއަކަށް ވާދަކުރެއެވެ.