ސިޔާސީ

ބައެއް ޤައުމުތަކުގައި ފޮށި ނުބަހައްޓާ ރާއްޖޭގައި ބަަހައްޓާ ފޮށީގެ އަދަދު އިތުރުކޮށްފި



ކުރިން ވޯޓު ފޮށި ބެހެއްޓުމަށް ނިންމި ހަ ސަރަހައްދެއްގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދު އިތުރުކޮށް ރާއްޖެއިން ބޭރު ހަތަރު ޤައުމެއްގައި ވޯޓްފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަނުން ކުރިން ނިންމާފައިވަނީ މި ފަހަރުގެ އިންތިޚާބުގައި 507 ވޯޓް ފޮށި ބެހެއްޓުމަށެވެ.


ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި 21203 މީހުން ރީ-ރަޖިސްޓްރީކޮށްފައިވެއެވެ. މި ޢަދަދާއެކު ވޯޓް ފޮށި ބަހައްޓަން ހަމަޖެއްސި ތަންތަނާއި އަދަދަށް މިވަނީ ބަދަލު އައިސްފައެވެ.

ވޯޓްލާދާން މީހުންގެ ކިއު ދިގުވެ ގިނަ އިރު ކޮޅަށް ތިބެން ޖެހޭ ޝަކުވާ ލިބެމުންދާތީ މި ފަހަރު 1000 މީހުންނަށް ވުރެ ގިނައިން އެއްވެސް ފޮއްޓަކަށް ވޯޓް ނުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. އަދި އެ އަދަދަށް ވުރެ އިތުރުވާ ކޮންމެ ތަނެއްގައި އިތުރު ފޮއްޓެއް ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އަދި ރާއްޖެއިން ބޭރު 7 ޤައުމެއްގައި ވޯޓް ފޮށި ބަހައްޓަން ނިންމި ނަމަވެސް އެތަންތަނުގައިވެސް މަދުވެގެން 100 މިހުން ރަޖިސްޓްރީ ކުރަންޖެހޭނެކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އެއް ވޯޓު ފޮށި ބެހެއްޓުމަށް ކުރިން ނިންމި ހަ ތަނެއްގައި މިހާރު ދެ ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ބަދަލު އައީ އެ ތަންތަނުގައި ވޯޓުލުމަށް އެއްހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށްފައިވާތީކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިގޮތުން މާލޭގައި ދިރިއުޅޭ ހއ.އަތޮޅުގެ ރައްޔިތުން ވޯޓުލުމަށް 7 ވޯޓު ފޮށި ބެހެއްޓުމަށް ކުރިން ނިންމިނަމަވެސް ރީ-ރަޖިސްޓްރޭޝަނަށްފަހު މިހާރު އެ ޢަދަދު ވަނީ 8 އަށް އިތުރުވެފައެވެ. ވޯޓް ފޮއްޓެއް އިތުރުކޮށްފައިވަނީ ހއ އަތޮޅުގެ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ހއ. ތަކަންދޫ، އުތީމު، މުރައިދޫ، ބާރަށުގެ ރައްޔިތުން ވޯޓުލުމަށެވެ.

ށ.އަތޮޅުން މާލޭގައި ދިރިއުޅޭ ރައްޔިތުން ވޯޓުލުމަށް ކުރިން 3 ފޮށި ބަހައްޓަން ނިންމާފައި ވީ ނަމަވެސް މިއަދަދުވެސް މިހާރު ވަނީ 4 ބަދަލުވެފައެވެ. ށ އަތޮޅުން ފޮއްޓެއް އިތުރުކޮށްފައިވަނީ މާލޭގައި ތިބި އެ އަތޮޅު ށ.ފީވަކާ ނަރުދޫ، މިލަންދޫ، ފުނަދޫ، މާއުނގޫދޫ، ޅައިމަގު ރައްޔިތުން ވޯޓުލުމަށެވެ.

މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީ ރައްޔިތުންގެ ތެރެއިން މަރަދޫ ރައްޔިތުން ވޯޓްލުމަށް ބަހައްޓަން ނިންމި އެއް ފޮށީގެ ބަދަލުގައި މިހާރު ވަނީ ދެ ފޮށި ބެހެއްޓުމަށް ނިންމާފައެވެ. މީގެ އިތުރުން ކ.މާފުށީގެ 1 ނަންބަރު ވޯޓު ފޮށްޓަށް ވޯޓްލުމަށް އެއްހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށްފައިވާތީ އެ ރަށުގައި ބަހައްޓާ އެހެން ފޮށްޓަަކަށް އެއް ބަޔަކު ބަދަލުކޮށްފައިވާކަމަށް އިސީން ބުނެއެވެ. ދޫނިދޫ ޖަލުގައި ރީ-ރަޖިސްޓްރީވެފައިވަނީ 27 މީހުންކަމަށާއި، އެހެންނަމަވެސް ދޫނިދޫ ޖަލުގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އިސީން ބުނެއެވެ.

ރީރަޖިސްޓްރޭޝަނާއި އެކު މާލޭގައި ބަހައްޓަން ކަނޑައެޅި ބައެއް ފޮށިތަކުގެ އަދަދަށްވެސް ވަނީ ބަދަލު އައިސްފައެވެ. މިގޮތުން ގަލޮޅު ދެކުނު ދާއިރާގައި ކުރިން 4 ވޯޓު ފޮށި ބެހެއްޓުމަށް ނިންމި ނިންމުން ބަދަލުކޮށް މިހާރު އެދާއިރާގައި 5 ވޯޓްފޮށި ހުންނާނެއެވެ. އަދި މެދު ހެންވޭރުގެ ރައްޔިތުން ވޯޓުލުމަށް ކުރިން 3 ވޯޓު ފޮށި ބެހެއްޓުމަށް ނިންމިނަމަވެސް މިހާރު އެ އަދަދު ވަނީ 4 ބަދަލުވެފައެވެ.

ރާއްޖެއިން ބޭރުގެ ހަތް ސަރަހަދެއްގައި ވޯޓް ފޮށި ބަހައްޓަން ނިންމި ނަމަވެސް އޭގެތެރެއިން 4 ސަރަހަދެއްގައި ފޮށި ނުބެހެއްޓުމަށްވެސް އިސީން މިހާރު ވަނީ ނިންމާފައެވެ. މިގޮތުން މިހާރު ވޯޓް ފޮށި ނުބައްޓަން ނިންމާފައިވަނީ ސިންގަޕޫރާއި ބަނގުލަދޭޝާއި ތައިލެންޑްގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ.

ވޯޓް ފޮށި ނުބައްޓަން ނިންމި ސަރަހައްދުތަކަށް ރީ ރަޖިސްޓްރީ ކުރި މީހުންގެ އަދަދު

1- ސިންގަޕޫރު- ރީ ރަޖިސްޓްރީވެފައިވަނީ 27 މީހުން
2- ބަނގުލަދޭޝް- ރީ ރަޖިސްޓްރީވެފައިވަނީ 12 މީހުން
3- ތައިލޭންޑް- ރީ ރަޖިސްޓްރީވެފައިވަނީ 21 މީހުން
4- ނިއުދިއްލީ- ރީ ރަޖިސްޓްރީވެފައިވަނީ 10 މީހުން

ރާއްޖެއިން ބޭރުގައި ބަހައްޓަން ނިންމި ބައެއް ފޮށިތައް ނުބަހައްޓަން ނިންމި ނަމަވެސް ލަންކާގެ ކޮލޮމްބޯގައި ބަހައްޓާ ވޯޓް ފޮށީގެ އަދަދުވަނީ ދޭކަށް އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން އާއްމު ކުރި ވޯޓް ފޮށީގެ އަދަދީ 507 ނަމަވެސް މި އައި ބަދަލާއި އެކު ޖުމްލަ ވޯޓް ފޮށީގެ އަދަދަކީ 509 އެކެވެ.

އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިފައިވެއެވެ.