ސިޔާސީ

އާޠިފް ޝަކޫރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބަޔާން ނަގާފައިވޭ- އޭސީސީ


މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖަންސްގެ ކުރީގެ އިސްވެރިޔާ އާޠިފް ޝަކޫރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބަޔާން ނަގާފައިވާކަމަށް އެންޓި-ކޮރަޕްޝަންސް ކޮމިޝަން، އޭސީސީން ބުނެފިއެވެ.

އެކޮމިޝަނުން މިހެން ބުނެފައިވަނީ، އެ ކޮމިޝަނުން ނެރެފައިވާ އެމްއެމްޕީއާރުސީގެ ތަހްޤީޤީ ރިޕޯޓާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޙާޒިރުކުރުމުންނެވެ.

އޭސީސީން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ކޮމިޓީގެ މެންބަރުން ގިނަ ސުވާލުތަކެއް އޭސީސީގެ މެންބަރުންނާއި ކުރިމަތިކުރުވާފައިވެއެވެ. އެސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވީ، އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖެންސްގެ މައްސަލަތަކެއް ތަޙްޤީޤްކޮށް ނިމިފައިވާކަމަށާއި ނަމަވެސް އެ މައްސަލާފައި އަދި ގޮތެއް ނިންމާފައިނުވާކަމަށެވެ. އެ މައްސަލާގައި ހިމެނޭ ބައެއް ކަންކަމުގެ ތުހުމަތުގައި އާޠިފް ޝަކޫރުގެ ބަޔާންވެސް ނަގާފައިވާކަމަށް މުޢައްވިޒް ވިދާޅުވިއެވެ.

އޭސީސީގެ ނާއިބު ރައީސް މިހެން ވިދާޅުވެފައިވާއިރު، މާލިއްޔަތު ކޮމިޓީއަށް އާޠިފް ޝަކޫރު ހާޒިރުކޮށްވެސް މަޢުލޫމާތު ހޯދާފައިވެއެވެ.

އެމްއެމްއޭގެ ފައިނޭންސް އިންޓަލިޖަންސްގެ ކުރީގެ އިސްވެރިޔާ އާޠިފް ޝަކޫރުގެ އިތުރުން، ހަމަ އެ ޔުނިޓްގެ ކުރީގެ އިސްވެރިއެއްކަމަށްވާ ޢަބްދުﷲ އަސްރަފްވެސް މާލިއްޔަތު ކޮމިޓީއަށް ޙާޒިރުކޮށް މަޢޫލޫމާތު ހޯދާފައިވެއެވެ. ނަމަވެސް އަޝްރަފްގެ މައްސަލައެއް ނުވަތަ އިޙުމާލެއް އޮތްކަމަށް ތަޙްޤީޤަށް ފެނިފައިނުވާކަމަށް މުޢައްވިޒް ވިދާޅުވިއެވެ. މުޢައްވިޒް ވިދާޅުވީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރަު އަޒީމާ އާދަމްގެ މައްޗަށް ދައުވާކުރުމަށްވެސް ނިންމާފައިނުވާކަަމަށެވެ.