ވިޔަފާރި

ބެލްޓް އެންޑް ރޯޑުގެ ދަށުން މިހާތަނަށް 6 ޓްރިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފި


ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫގެ ދަށުން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޗައިނާއާއި އެކި ޤައުމުތަކުގެ މެދުގައި ހިންގާފައިވާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު 6 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްދަަކަވަމުން ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަން، އެން.ޑީ.އާރު.ސީގެ ނައިބް ރައީސް ނިންގް ޒެހޭ ވިދާޅުވީ ބެލްޓް އެންޑް ރޯޑްގެ ދަށުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ. މިގޮތުން ސަރަހައްދީ ގޮތުންނާއި، ޤައުމުތަކާއިއެކު މިދިޔަ ފަސް އަހަރު ޗައިނާއިން ބެލްޓް އެންޑް ރޯޑްގެ ދަށުން ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތްތައް 6 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބެލްޓް އެންޑް ރޯޑުގެ ދަށުން ޗައިނާއިން އެކި ފަރާތްތަކާއެކު ސަތޭކަ ހަތްދިހައަށްވުރެ ގިނަ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، މީގެތެރޭގައި 29 ބައިނަލްއަޤްވާމީ އޯގަނައިޒޭޝަނަކާ، ތަރައްޤީވެފައިވާ އަދި ވަމުންދާ ސަތޭކަ ތޭވީސް ޤައުމެއް ހިމެނެއެވެ. އަދި މިމަޝްރޫގެ ތެރެއިން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ޗައިނާއާއި ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި މުދާ އުފުލާ ރޭލުތަކުން ސާދަ ހާހަށްވުރެ ގިނަ ދަތުރުކޮށްފައިވާކަމަށް ޗައިނާއިން މައުލޫމާތުދެއެވެ.

2013 ގައި އިއުލާންކުރި ބެލްޓް އެންޑް ރޯޑު މަޝްރޫއަކީ ޗައިނާއިން އިސްނަގައިގެން ޗައިނާއާއި އެހެން ޤައުމުތަކުގެ މެދުގައި އެއްގަމު މަގުންނާއި، ކަނޑުމަގުން އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރިޔަށްގެންދާ މަޝްރޫއެކެވެ.