ޚަބަރު

ފަރުތައް ޙިމާޔަތްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ޕެނަލް ޑިސްކަޝަނެއް ބާއްވައިފި


ފަރުތަކުގެ މުހިންމުކަމާއި، ފަރުތައް ޙިމާޔަތް ކުރުމާ ގުޅޭގޮތުން މަޢުލޫމާތުދީ މީހުން ހޭލުންތެރިކުރުމުގެ ޕެނަލް ޑިސްކަޝާންއެއް ބާއްވައިފިއެވެ.

މި ޕެނަލް ޑިސްކަޝަންއަކީ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ، އައި-ރަނަރސްއިން ފަށައިގެން ކުރިއަށެގެންދާ "ތިމާވެއްޓާއި ސިއްޙަތާއި ކަސްރަތު އެކްސްޕޯ"ގެ ތެރެއިން އެންވަަޔަރަންމަންޓް މިނިސްޓްރީއާ ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.

މި ޑިސްކަަޝަންގައި ފަރުތައް ޙިމާޔަތްކުރުމާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކޮށްފައިވަނީ މިދާއިރާގެ ފަންނީ ބޭފުޅުންކަމަށްވާ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވާރަމެންޓް ޑރ.އަބްދުއްﷲ ނަސީރާއި އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމާއި، ކޮރަލް އެންޑް ރީފް ޕްރޮޓެކްޝަން އެކްސްޕަރޓް ހުސައިން ޒާހިރެވެ.

މި ޑިސްކަޝަންގައި ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް މުރަކައިގެ ފަރުތަކުގެ މުހިންމުކަމާއި، މުރަކައިގެ ފަރުތައް އުފެއްދިގެން އައިގޮތާއި މުރަކައިގެ ދިރުންތަކަށް، ދިގު މުއްދަތުން އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުންވަނީ މަޢުލޫމާތުދީފައެވެ. އަދި އިންސާނުންގެ ސަބަބުން ފަރުތަކަށް ލިބެނުންދާ ގެއްލުންމާއި، އޭގެ ސަބަބުން ރަށްތަކުގެ ރައްކާތެރިކަމަށްހުރި ގޮންޖެހުންތަކާއި ގުޅޭގޮތުންވަނީ ވާހަކަދައްކާފައެވެ.

މިޕެނަލްގައި ބައިވެރިވި ބޭފުޅުން އެންމެބޮޑަށް އަލިއަޅުއްވާލެއްވިީ އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ފަރުތަކާއި، އަދި ފަރުތަކުގެ ދިރުންތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށެވެ. އެގޮތުން ޖައްވައް ބޭރުކުރާ ވިހަ މާއްދާތާކުގެ ސަބަބުން ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އިތުރުވުމުގެ ސަބަބުން ފަރުގެ ދިރުންތަކަށް ކުރާ އަސަރުތަކާއި، ފަރުތަކުން ގަލާއި ވެލި ނެގުމާއި، ފަރުގެ ދިރުންތަކަށް ގެއްލުންދިނުމާއި، އަދި ރަނގަޅަށް މޮނިޓަރ ނުކޮށް ކުރިއަށްގެންދާ އުމްރީ މަސައްކަތްތަކުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުވުމުގެ ޕެނަލްގައި ބައިވެރިި ބޭފުޅުންވަނީ ރާއްޖޭގެ ތިމާވެއްޓާގުޅޭ ދިރާސާތައްކުރުން މަދުކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ރިސާޗްތައް ހެދުމަކީ ފަރުތައް ހަލާކުވިޔަނުދީ ރައްކާތެރި ކުރުމަށް ކުރެވޭނެ މުހިންމު ކަމެއްކަމަށްވަނީ ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް މިމަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް ޕެނަލްގެ ބައިވެރިންވަނީ އެދިފައެވެ.