ސިޔާސީ

ޤާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހަޅައިފި


އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުގޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަންޖެހޭ ގޮތަށް ޤާނޫނުލް އުގޫބާތަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅައިފިއެވެ.އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކަށް އެނޫން އަދަބެއް ނުދެވޭ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ހުށައަޅުއްވާފައިމިވަނީ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމްއެވެ.އަންނަ މަހުގެ ތޭރަ ވަނަ ދުވަހު އަމަލުކުރަން ފަށާ ގާނޫނުލް އުގޫބާތުގެ އެއްހާސް ދުއިސައްތަ ފަސްވަނަ މާއްދާއަށް އާނާރާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ގިސާސްއާއި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އުގޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަން ވާނެކަމަށެވެ.އަނާރާ ވިދާޅުވީ އެފަދަ އިސްލާހެއް ހުށައެޅުއްވީ، ޤާނޫނު އަސާސީގެ ދިހަވަނަ މާއްދާގައި، "ދިވެހި ރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާއި" ޚިލާފް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައި ވާތީކަމަށެވެ. އަދި އިސްލާމް ދީނުގެ އަސްލުކަމުގައި ޤާނުނު އަސާސީގައި ބުނެފައިއެވަނީ، ކީރިތި ގުރުއާނާއި، ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން އެކަމެއްގެ ސައްހަކަމާއިމެދު، ޚިލާފް އުފެދިފައިނުވާ، ޝަރުއީ އުސޫލުތަކާއި، އެދެ އަސްލުން ދޭހަކޮށްދޭ އުސޫލުތަކަށް ކަމުގައިވާތީކަމަށް އަނާރާ ވިދާޅުވިއެވެ.މިއިސްލާހާއި ގުޅޭގޮތުން އެމްބީސީ ނިއުސްއާއި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓި ލީޑަރ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ، އަނާރާ ހުށައެޅުއްވި އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއްކަމަށާއި، އެކަމުގެ ސަބަބަނުން އިސްލާމްދީނުގެ އަސާސަކާއި ޚިލާފް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ. އެކަމަށް އެއިސްލާހުން ދިވެހި ޖުމްހޫރިއްޔާއަށް ބާރުއަޅާކަމަށްވެސް ނިހާން ވިދާޅުވިއެވެ.ނިހާން ވިދާޅުވީ، ޤާނޫނުލް އުގޫބާތަށް ޕީޕީއެމުން މިއަދުވެސް ވަރަށް މުހިއްމު ފަސްދޮޅަސް ދެ އިސްލާހު ހުށައަޅުއްވާފައިވާކަމަށެވެ.ގާނޫނުލް އުގޫބާތުގައި މިހާރުވެސް ޖުމްލަ އެއްހާސް ދުއިސައްތަ ހަތަރު މާއްދާ ހިމެނިފައިވެއެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ދިހައެއް ޖެހިއިރު މެދުކަނޑާލިއިރު، ކޯރަމް ހަމަނުވެގެން ޖަލްސާ ފުރަތަމަ ފަށާފައިވަނީވެސް ސާޅީސް ފަސްވަރަކަށް މިނިޓްފަހުންނެވެ.