ޚަބަރު

އިންޑިއާގެ އައު ސަފީރު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވައިފި


އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ސަންޖޭ ސުދީރު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ތަރައްޤީ ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިމަޝްވަރާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާ އާއެކު އޮތް ގުޅުމުގެ ތެރެއިން ހާސިލްވެފައިވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ރައީސް ޞާލިޙް ރައީސްކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ފާހަަގަކުރެއްވިއެވެ. އަދި އެ ދަތުރުފުޅުތަކުގައި ދެ ޤައުމުގެ ގުޅުން ކުރިއަށް ގެންދާނެ ފްރޭމްވާރކްއަކަށް އެއްބަސްވެފައިވާކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި އިންޑިއާގެ ސަފީރު ވަނީ ދެ ޤައުމަށް ފައިދާހުރި ކަންތައްތަކެއް ހާސިލްކުރުމަށްޓަކައި ސަރުކާރާއި ދިވެހި ރައްޔިތުންނާއެކު ގާތުން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދާއި އިންޑިއާ ޑިވިޜަންގެ ޑިރެކްޓަރ މަރިޔަމް މިދުފާ ނައީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަފީރުގެ އަރިހުގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ކައުންސެލަރ (ޕޮލިޓިކަލް) އަރުޗަނާ ނައިރުއާއި ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަޝާންތު ހަންޑޫއާއި ފަސްޓް ސެކްރެޓަރީ ސުބާޝް ރާމާކްރިޝްނަ ޕިލައި، އަދި ހެޑް އޮފް ޗާންސަރީ ޝިތާންޝޫ ޗޯރަސިޔަ ބައިވެރިވެވަޑައިގެންނެވިއެވެ.