ޚަބަރު

ޤުދުސްގައި އެމެރިކާއިން ހިންގާ ކޮންސުލޭޓާ މެދު ނިންމި ނިންމުމަށް ފަލަސްތީނުގެ ފާޑުކިޔުން


ޤުދުސްގައި ފަލަސްޠީނުގެ ރައްޔިތުންނަށް ޙިދުމަތްދިނުމަށް އެމެރިކާއިން ހިންގާ ކޮންސުލޭޓް، ޤުދުސްގައި އެމެރިކާއިން ހުޅުވާފައިވާ އާ އެމްބަސީއާ އެއްކޮށްލުމަށް ނިންމާފައިވާތީ ފަލަސްޠީނުގެ ވެރިކަން ކުރާ ޕީ.އެލް.އޯ ޖަމާޢަތުން އެކަން ކުށްވެރިކޮށްފިއެވެ.

ޕަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން ޕީ.އެލް.އޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤުދުސްގައި އެމެރިކާއިން ހިންގަމުންދިޔަ ކޮންސުލޭޓް ބަންދުކޮށް އިސްރާއީލުގެ އެމްބަސީއާ އެއްކޮށްލުމަކީ އެމެރިކާއިން އިސްވެގެން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ މުޅިން ޚިލާފު ކަމެއްކަމަށެވެ.

އަދި އެމެރިކާއިން ޤުދުސްގައި ހުންނަ އެ ޤައުމުގެ ކޮންސުލޭޓް ބަންދުކުރުމަށް ނިންމުމާ ގުޅިގެން ޕީ.އެލް.އޯ ޖަމާޢަތުން އެމެރިކާ ސަރުކާރާއި އެމެރިކާ ސަރުކާރުން ތަމްސީލުކުރާ ފަރާތްތަކާއެކު ބާއްވާ ސިޔާސީ ގުޅުންތައް މެދުކަނޑާލުމަށް ނިންމާފައިވާ ނިންމުމައިގެން ކުރިއަށްދާނެ ކަމަށްވެސް އެޖަމާޢަތުން ވަނީ ބުނެފައެވެ.

އެ ޖަމާޢަތުން ވަނީ މި ނިންމުމާ ދެކޮޅަށް މަސައްކަތްތައް ނުކުރުމަށްވެސް ފަލަސްޠީނުގެ ސަރުކާރުގެ މުވައްސަސާތަކަށް ގޮވާލާފައެވެ. މީގެ އިތުރުން މި ބަޔާނުގައި ޕީ.އެލް.އޯ ޖަމާޢަތުން އިތުރަށް ބުނެފައިވަނީ ފަލަސްޠީނާއި އިސްރާއީލާ ދެމެދު ސުލްޙަ ޤާއިމުކުރުމުގެ މަސައްކަތްތައް ކުރުމަށް ބައިނަލްއަޤްވާމީ ކޮންފަރެންސެއް ބާއްވަން ޖެހޭ ކަމަށާ މި ކޮންފަރެންސްގައި އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުން ބައިވެރިވާން ޖެހޭކަމަށެވެ.