ސިއްހަތު

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމާއި ގުޅޭގޮތުން އޯ.އައި.ސީއާއެކު މަޝްވަރާކޮށްފި


ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން، އޯ.އައި.ސީއާއެކު މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އޯ.އައި.ސީއާއެކު މަޝްވަރާކޮށްފައިވަނީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން، ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޯ.އައި.ސީގެ ސެކެޓްރީ ޖެނެރަލް ޑރ. ޔޫސުފް އަލް އޮތަޢިމީންއާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ސަޢޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯ.އައި.ސީގެ މައި އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ޞިއްޙީ ނިޒާމަށް މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ، އެކަންކަން ހައްލުކުރުމުގައި އޯ.އައި.ސީގެ ފަރާތުން ކޮށްދެވޭނެ ކަންތައްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅަކީ ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބާއްވާ "ޕޭޝަންޓް ސޭފްޓީ"ގެ 4 ވަނަ މިނިސްޓްރީއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ ކުވެއިތުގެ ހެލްތް މިނިސްޓަރ ބާސިލް ޙަމޫދު އަލްސަބަޙާއާވެސް ބައްދަލުކުރައްވާފައެވެ. މިބައްލުކުރެއްވުމުގައި ދެޤައުމުގެ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކަށް އަލިއަޅުއްވައި މަޝްވަރާކުރައްވާފައިވެއެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލްއާއިވެސް ބައްދަލުކުރައްވާ ކުދި ޖަޒީރާ ޤައުމުތަކުގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރގެ މިދަތުރުފުޅުގައި ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަޢޫދީ އަރަބިއްޔާއާއި ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކުރައްވާފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ސިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ސިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީކުރުމަށާއި، ދާއިރާއަށް ބޭނުންވާ އާލާތްތައް ހޯދުމުގައި ސަޢޫދީ ސަރުކާރުގެ އެހީތެރިކަން ލިބިގެންދާނެކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.