ވިޔަފާރި

ދަރަނި ބޮޑުވުމުގެ މައްސަލައަކީ ރާއްޖޭގެ އިޤްތިޞާދަށް އޮތް ގޮންޖެހުމެއް - އައިއެމްއެފް


ދިވެހިރާއްޖޭގެ އިޤްތިސާދަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތެރެ އާއި ބޭރުގެ ދަރަނި ބޮޑުވުންކަމަށް އައިއެމްއެފުން ހާމަކޮށްފިއެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ ޓީމުން މިއަދު އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިއެމްއެފުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޑިވިޝަން ޗީފް، ފިލީޕް ކަރަމް ވިދާޅުވީ އިޤްތިސާދީގޮތުން ރާއްޖެ ކުރިއަރަމުންދިޔަ ކަމުގައިވިނަމަވެސް އިޤްތިސާދަށް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. ކަރަމް ވަނީ އަހަރުން އަހަރަށް ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާކަން ފާހަގަކުރައްވާފައެވެ.

ކަރަމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދާއި ގުޅޭގޮތުން ފާހަގަކުރެވުނު އެންމެބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނި ބޮޑުވުންކަމަށާއި، މިހާރު އޮތް ހާލަތަށް ބަލާނަމަ ދަރަނި ނުދެއްކޭ ގޮތް ވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
އޭނާ ވިދާޅުވީ، ދަރަނި ދައްކައި ދެމެހެއްޓެނިވި އިޤްތިސާދެއް ޤާއިމްކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިއްމުކަމަށެވެ.

މިގޮތުން މިކަމުގައި ސަރުކާރާއި މަރުކަޒީ ބޭންކުން މިހާރު ގެންގުޅެމުން އަންނަ ސިޔާސަތު ރަނގަޅުކަން އައިއެމްއެފްގެ ޓީމުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އާ ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ދަރަނީގެ މައްސަލަ ހައްލުކުރުމަށް މިހާއަވަހަށް މަސައްކަތްފަށާފައިވާކަމީ އައިއެމްއެފުން މަރުހަބާ ކިޔާކަމެއްކަމަށް ކަރަމް ވިދާޅުވިއެވެ.

އައިއެމްއެފްގެ ވަފުދުން ވަނީ ދައުލަތުގެ މާލީ ކަންކަން މެނޭޖުކުރުމާއި ޓެކްސްގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން އިންކަމް ޓެކްސް ނެގުމާއި، ސަރުކާރުން ސަބްސިޑީ ދިނުމުގެ އުސޫލް ފާހަގަކުރެއްވިއެވެ.

އައިއެމްގެ ޓީމުން ވަނީ ދަރަނީގެ މައްސަލަ ހައްލުކުރުމަށް އެޖަމިއްޔާއިން ދެކޭގޮތް ހާމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މީގެކުރިންވެސް އައިއެމްއެފުން ފާހަގަކޮށްފައިވާ ކަންކަމެވެ. މީގެ ތެރޭގައި ދަރަނި މެނޭޖުކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމާއި، ލިބޭ އާމްދަނީގެ ނިސްބަތަށް ބަލައި ދައުލަތް އިތުރަށް ދަރަނިވެރި ނުވާނެ ފަދަ ގޮތަކަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމެވެ.

އައިއެމްއެފްގެ ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންފައިވަނީ ހުސްވި ފެބުރުއަރީމަހުގެ 20 ވަނަދުވަހުއެވެ. މި ބޭފުޅުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އާއި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ
އައިއެމްއެފް ވަފުދުގެ ބޭފުޅުން ރާއްޖެއަށް މި ކުރާ ދަތުރުގައި ރާއްޖޭގެ އިޤްތިޞާދާއި ގުޅޭގޮތުން ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓު އާއްމުކުރުމަށް ވަނީ ހަމަޖެހިފައެވެ.