ޚަބަރު

ހެނދުނުގެ ނާސްތާ ޕްރޮގްރާމް: އިތުރު މެނޫތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަނީ

ސަރުކާރުގެ ހުރިހައި ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދަން ފަށާއިރު ދަރިވަރުންނަށް ދޭ ނާސްތާގެ އިތުރު މެނޫތަކެއް އެކުލަވާލާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ސްކޫލްތަކުގެ ދެވަނަ ޓާރމްގެ ކިޔެވުން ފެށޭއިރު ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ސްކޫލްތަކުގައި ކުރިއަށްގެންދާ ހެނދުނުގެ ނާސްތާ ޕްރޮގްރާމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ފާހަގަކުރައްވާފައެވެ.

މިގޮތުން ނާސްތާ ޕްރޮގްރާމްގެ ޕައިލެޓް ޕްރޮޖެކްޓް 25 ސްކޫލެއްގައި ފެށިއިރު ބައިވެރިނުވާ ގިނަ ޢަދަދެއްގެ ދަރިވަރުން މިހާރު މި ޕްރޮގްރާމްގައި ބައިވެރިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހެނދުނުގެ ނާސްތާގެ މުހިއްމުކަމާއި މިކަމުން ކިޔެވުމަށް ރަނގަޅު އަސަރުތަކެއް ކުރާކަމަށް ކުދިން ފާހގަކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކުރިއަށްދާގޮތް ވަރަށްގާތުން ބަލަމުންދާކަން ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިހާރު ހުރި މެނޫތަކުގެ ތެރެއިން ކުދިން ގަޔާނުވާ މެނޫތައް އުވާލައި އިތުރު މެނޫތަކެއް އެކުލަވާލުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާނެކަމަށެވެ.
އަދި ދެވަނަ ޓާރމްގެ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދަން ފަށާއިރު އިތުރު މެނޫތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަ ވަނީ، ނާސްތާ ޕްރޮގްރާމްގެ ޕައިލެޓް ޕްރޮޖެކްޓުން ފާހަގަވެފައިވާ ކަންކަން ބަލައި ނާސްތާދިނުމުގެ އުޞޫލަސްވެސް ބަދަލުތަކެއް އަންނާނެކަމަށާއި އެއުސޫލް، ސްކޫލްތަކުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ފަށާއިރު ސަރުކާރުގެ ހުރިހާ ސޫލެއްގައި ކުރިއަށް ގެންދަން ފަށްތަވާނެކަމަށް ވިދާޅުވެފައެވެ.

"މި ޕައިލެޓް ޕްރޮގްރާގެ ބޭނުމަކީ މި ޕްރޮގްރާމްއިން ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމަށް މަސައްކަތްކުރުން. ގިނައިން މި ފެންނަނީ ޕޮޒިޓިވް ކަންތައްތައް. އެބަ ހުރި ރަނގަޅު ކުރަންޖެހޭ ކަންތައްތައްވެސް" މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ސްކޫލްތަކުގައި ކުރިއަށްގެންދާ ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނެ ޕްރޮގްރާމެއްކަމަށް އެޑިއުކޭޝަން މިނިސްތަރ ޑރ.ޢާއިޝަތު އަލީ ވިދާޅުވިއެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ޔުނިސެފްގެ އެހީއާއެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ތައްޔާރުކޮށްފައެވެ.
އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި މަސްހުންޏާއި ސޭންޑްވި ފަދަ ތަކެތި ހިމެނެއެވެ. ދަރިވަރުންނަށް މީގެތެރެއިން ތިން މޭނޫއެއް ކޮންމެ ދުވަހަކުވެސް އޮވެއެވެ.

ނާސްތާ ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަން އެކަންޏެވެ.
ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ފެށި ޕްރޮގްރާމް ފުރަތަމަ ހިންގަން ފެށީ މާލޭގެ 3 ސްކޫލަކާއި ވިލިމާލޭގެ 1 ސްކޫލާއި ހުޅުމާލޭގެ ސްކޫލެއްގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ސްކޫލްގައެވެ.