ސިޔާސީ

7000 ހައުސިންގ ޔުނިޓް 3588އަށް މަދުވެދާނެ - މިނިސްޓަރ އާޠިފާ


ކުރީ ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫޢުތަކުގެ ފްލެޓްތަކަށް މިސަރުކާރުން ގެންނަ ބަދަލާއެކު ފްލެޓްތަކުގެ ޢަދަދު މަދުވާނެކަމަށް ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، "ހިޔާ" މަޝްރޫޢުއަށް ސަރުކާރުން ގެންނަ ބަދަލާއެކު އޭގެ ހައްޤުވެރިންނަށް ވާނީ ކިހިނެއްތޯ ސުވާލުކުރުމަށް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމުން ދެއްކެވި ވާހަކަފުޅުގައެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު، ހައުސިންގ މިނިސްޓަރ އާމިނަތު އާޠިފާއާއި ކުރެއްވި ސުވާލަކީ، ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތްކުރަމުންދާ ފްލެޓްތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާނަމަ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު ފަރާތްތަކަށް ވާނީ ކިހިނެތްތޯއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރ އާމިނަތު އާޠިފާ ވިދާޅުވީ، ކުރީގެ ސަރުކާރުން ފަށާފައިވާ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތުގައި ހިމެނެނީ ދެކޮޓަރީގެ ފަސްސަތޭކަ ފަންސާސް އަކަފޫޓްގެ 6880 ފްލެޓްތަކެއްކަމަށެވެ. އެއީ 25 ބުރީގެ 16 ޓަވަރުގެ މައްޗަށް އެކުލެވޭ ޢިމާރާތްތަކެއްކަމަށާ ސޯޝަލް ހައުސިންގއަށް ބަލާއިރު އެއީ ރާއްޖޭގެ ޢާއިލާގެ ނިސްބަތުން ދޫކުރުމަށް އެންމެ އެކަށޭނަ ތަންތަނަށް ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ޢިމާރާތުގެ ސްޓްރަކްޗާއަށް ބަދަލުނާންނާނެ ގޮތުގެ މަތިން ތިން ކޮޓަރިއަށް ބަދަލުކުރެވެންހުރި ހުރިހާ އެޕާޓްމަންޓްތަކެއް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރ އާޠިފާ ވިދާޅުވިއެވެ. މި ބަދަލާއެކު ދެ ކޮޓަރީގެ ފްލެޓްތައް 1104 ޔުނިޓަށާއި، 3 ކޮޓަރީގެ 2484 ޔުނިޓަށް ބަދަލުވާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ހަތްހާސް ހައުސިންގ ޔުނިޓްގެ ޖުމްލަ ޢަދަދުު 3588 އަށް ބަދަލުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއީ ދެކޮޓަރީގެ އެޕާޓްމަންޓްތަކަށް ފަސް މީހުންގެ ނިސްބަތުންކަމާއި، 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 7 މީހުންގެ ނިސްބަތުން ބެލުމުން ޖުމްލަ 22908 މީހުންނަށް ދިރިއުޅެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިބަދަލު ގެންނަނީ ސޯޝަލް ހައުސިންގ ޔުނިޓްތަކަކީ ދިރިއުޅުމަށް އެކަށީގެންވާ ތަންތަނަށް ހެދުމަށްކަމަށްވެސް އާޠިފާ ވިދާޅުވި.

"ފްލެޓަކަށް ފަސް މީހުންގެ ނިސްބަތުން ބަލާނަމަ މިއީ 34400 މީހުން. އެހެންކަމުން މިއީ އާބާދީއަށް އެކަށީގެންވާ މިންވަރަށް ޢިމާރާތުގެ ލިފްޓާއި އެހެން ޚިދުމަތްތައް ނެތްވާހަކަ ދަންނަވަން." މިނިސްޓަރ އާޠިފާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ޢިމާރާތްކުރުމަށް ނުފަށާ 2500 ހައުސިންގ ޔުނިޓް އެބަހުރިކަމަށާއި، އެތަން ޑިޒައިންކޮށްފައި ވަނީވެސް ދެކޮޓަރީގެ ފްލެޓްތަކުގެ ގޮތުގައިކަން އާޠިފާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ސަރުކާރުން މިހާރު ނިންމާފައިވަނީ އެ ފްލެޓްތައްވެސް ތިން ކޮޓަރީގެ ފްލެޓްތަކަށް ބަދަލުކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ބަދަލު ގެނައުމަށް ކޮންޓްރެކްޓަރާއި މަޝްވަރާކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ، ފްލެޓް ހަވާލުކުރުމަށް ނިންމި ފަރާތްތަކަކީ ޝަރުޠުހަމަވާ ފަރަތްތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.

"މި އައި ބަދަލާއެކު ފްލެޓްތަކުގެ ޢަދަދު މަދުވިކަމުގައި ވީނަމަވެސް މި ޕްރޮގްރާމްގެ ދަށުން ޝަރުތު ހަމަވާ ހައްޤުވެރިންނަށް ފްލެޓް ދިނުމަށް ސަރުކާރުން އިތުރު ފްލެޓް ޢިމާރާތްކޮށް އެފަރާތްތަކަށް ހައްޤުވާ ފްލެޓްތައް ދެވޭނެ." މިނިސްޓަރ އާޠިފާ ވިދާޅުވިއެވެ.

މިނިސްޓަރ އާޠިފާ ވިދާޅުވީ، ފްލެޓްގެ ޢަދަދު މަދުނަމަވެސް ހައްޤުވެރިން ފާހަގަކޮށް ނުވަތަ އަލަށް ކަނޑައަޅާ ސިޔާސަތުން ހައްޤުވެރިންނަށް ފްލެޓް ލިބޭނެކަމަށެވެ. ފްލެޓްތަކަށް އެދުމަށް ކުރީ ސަރުކާރުން ދޫކުރި ފޯމްތައް މިނިސްޓްރީގެ ތެރެއަށް އުކާލެވިފައިވާކަން އާޠިފާވަނީ ފާހަގަކުރައްވާފައެވެ. އަދި ފްލެޓްތަކުގެ މައްސަލާގައި ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެންމެހައި ފަރާތްތަކަށްވެސް އިންސާފް ޤާއިމްކޮށްދިނުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަގެ ވާހަކަފުޅުގައި ގިނަ ކުންފުނިތަކާއެކު މި މަޝްރޫޢުގައި އެޗްޑީސީން ސޮއިކުރިނަމަވެސް ގިނަ ކުންފުނިތަކުގައި މާލީ އަދި ފަންނީ ޤާބިލްކަން ނެތްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމަޝްރޫޢު ކުރިއަށް ގެންދިއުމަށް ސަބް ކޮންޓްރެކްޓްކޮށް ކުންފުނީގެ ނަމުގައި ލޯން ނަގައިގެން ބައެއް ކުންފުނިތަކުން ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައިވާކަމަށާ ގިނަ ކުންފުނިތަކަކީ އަމިއްލަ ފައިސާއިން ޢިމާރާތްކުރެވޭނެ ޤާބިލްކަން ނެތް ކުންފުނިތަކަކަށްވާތީ، އެކުންފުނިތަކުގެ މާލީ ހާލަތު ގޯސްވެދާނެކަމަށް ބެލެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކުންފުނިތަކުގެ މާލީ ޙާލަތަށް އަސަރުކުރާނެކަމަށް ފާހގަކުރެވޭ. މިހެން ވުމުން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުންފުނިތަކަށް ނުކަތާވަރަށް ލޯން ނަގަންޖެހި ކުންފުނިތަކުގެ މުވައްޒަފުންނަށް ބޮޑު އަގުގައި ފްލެޓް ދޫކޯށް ބޮޑެތި ޢަދަދުތައް ދައްކަންޖެހިފައިވާކަން ފާހަގަކޮށްލަން. މާލީ އަދި ފަންނީ ޤބިލްކަން ނެތުމުން ސޮއިކުރި 16 ކުންފުނީގެ ތެރެއިން ޢަމަލީ މަސައްކަތް ފަށާފައިވަނީ 8 ކުންފުނި." މިނިސްޓަރ ވިދާޅުވިއެވެ.

ހައްޤުވެރިންނަށް ފްލެޓްތައް ލިބުމުގެ ފުރުޞަތު ހޯދައިދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ. އަދި ސަރުކާރުގެ އައު ހައުސިންގ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، އެގޮތުން ހަތަރުހާސް ހައުސިން ޔުނިޓް މިއަހަރު އިތުރަށް ޢިމާރާތްކިުރުމަށް ނިންމަވާފައިވާކަމަށްވެސް ހައުސިންގ މިނިސްޓަރ އާމިނަތު އާޠިފާ ވިދާޅުވިއެވެ.