ދުނިޔެ

ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ރަސްމީކޮށް ފަށައިފި


ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ރަސްމީކޮށް ފަށައިފިއެވެ.

ސެކަންޑް ސެޝަން އޮފް ދަ ތަރޓީންތް ނެޝަނަލް ޕީޕަލްސް ކޮންގްރެސް، އެން.ޕީ.ސީގެ ޖަލްސާތައް ކުރިޔަށްދާނީ ބެއިޖިންގެ ދަ ގްރޭޓް ހޯލް އޮފް ޕީޕަލްގައި މިމަހުގެ 15ގެ ނިޔަލަށެވެ. މިމަޖިލީހުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިތުރުން ސަރުކާރުގެ އިސްއޮފިޝަލުންނާއި، އެން.ޕީ.ސީގެ މެންބަރުން ބައިވެރިވެއެވެ.

އެން.ޕީ.ސީގެ މިއަހަރުގެ ސެޝަންތައް ފެށުމުގެ ގޮތުން މިދިޔަ އަހަރުގެ މަސައްކަތު ރިޕޯޓާއި މިއަހަރަށް ކަޑައެޅިފައިވާ ރިޕޯޓު އިއްވަމުން ޗައިނާގެ ބޮޑުވަޒީރު ލީ ކެކިއާން ވިދާޅުވީ ޗައިނާއިން މިދިޔަ އަހަރަށް ހާސިލްކުރުމަށް ކަޑައެޅި ގިނަ ލަނޑުދަޑިތަކެއް ހާސިލްކުރެވިފައިވާކަމަށެވެ. އެގޮތުން ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރު އިތުރުކޮށް، ތިމާވެއްޓާއި ސިއްޙީ ދާއިރާއާއި އިޖްތިމާޢީ އަދި އިޤްތިސާދީ ދައިރާއިން ބޮޑެތި ކުރިއެރުންތަކެއް މިދިޔަ އަހަރު ޗައިނާއިން ހޯދިކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ޗައިނާއިން ހާސިލްކުރި ކަންތައްތަކާބެހޭ ރިޕޯޓު ދައްކާގޮތުން 2018ވަނަ އަހަރު ޗައިނާގެ ޖީޑީޕީ 90.03 ޓްރިލިއަން ޔުއާންއަށް ނުވަތަ 6.6 އިންސައްތަ ކުރިއަރާފައިވެއެވެ. މިދިޔަ އަހަރު ޗައިނާއިން 13.51 މިލިއަން ވަޒީފަ ވަނީ އުފައްދާފައެވެ. މީގެއިތުރުންވެސް ޗައިނާއިން މިދިޔަ އަހަރު ހާސިލްކުރުމަށް ކަޑައެޅި ލަނޑުދަޑިތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލްކުރެވިފައިވާކަމަށްވެސް މި ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.

އެން.ޕީ.ސީ ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ މިއަަހަރަށް ޗައިނާއިން ކަނޑައަޅާފައިވާ ލަނޑުދަޑިތަށްވެސް އިއުލާންކޮށްފައެވެ. އެގޮތުން މިއަހަރުގެ ޤާނޫނު ހަދާ މަޖުލީހުގެ ތެރެއިން ޗައިނާގެ އިޤްތިސާދީ، އިޖްތިމާއި، ސިޔާސީ، ހާރިޖީ އަދި ދާޚިލީ ގިނަ ކަންކަމެއް ކުރިއެރުވުމާބެހޭ ޤާނޫނުތައް އިތުރަށް ހަރުދަނާކޮށް، އިތުރު ޤާނޫނުތަށް ފާސްކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ޤާނޫނަކަށްވާނީ ބޭރުގެ އިންވެސްޓުމަންޓުތަކަބެހޭ ޤަނޫނެވެ.

މީގެއިތުރުން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން މިއަހަރު އެކި ޤައުމުތަކާއެކު ކުރިޔަށް ގެންއިދުމަށް ރޭވިފައިވާ ކަންކަމާއި، ތިމާވެށި ހިމަޔާތްކުރުމަށް ކަނޑައެޅިފައިވާ ލަނޑުދަޑިތައްވެސް މިރިޕޯޓުގައި ހިމަނާފައިވެއެވެ. މިއަހަރު ޗައިނާގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ 6-6.5 އިންސައްތަޔާއި ދެމެދުއެވެ.

ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ މިއަހަރުގެ ޖަލްސާގައި ދެހާސް ނުވަސަތޭކައަށް ވުރެ ގިނަ މެންބަރުން ބައިވެރިވެއެވެ. ޗައިނާގައި ކޮންމެ އަހަރެއްގެ މާރޗުމަހު ޓޫ ޝެޝަންސްގެ ނަމުގައި ޤާނޫނު ހަދާ މަޖުލީހާއި، އެމަޖުލީހަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް އެއްފަހަރާ ބާއްވައެވެ. މިއަަހަރުގެ ޤާނޫނު ހަދާ މަޖިލީހަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުުންތައް ފެށިފައިވަނީ މިމަހުގެ ތިންވަނަ ދުވަހު އެވެ. އަދި މިބައްދަލުވުންތައް 14ވަނަ ދުވަހު ނިޔަލަށް ކުރިޔަށްދާއިރު، ޤާނޫނު ހަދާ މަޖުލީހުގެ ބައްދަލުވުންތައް މިމަހުގެ 15ވަނަ ދުވަހު ނިޔަލަށް ކުރިޔަށް ދާނެއެވެ.

މިއަހަރުގެ އެން.ޕީ.ސީގެ ތެރެއިން 8 ސެޝަނެއް ކުރިޔަށްދާއިރު، 4 ޕްލެނަރީ ބައްދަލުވުމެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ.