ސިޔާސީ

ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ނަންތައް އިޢުލާންކުރުމާއެކު ރަސްމީކޮށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ކެނޑިޑޭޓުންނަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތުނަގާފައިވަނީ، ބައު ޖަމާލުއްދީނުގައި ޤާއިމްކޮށްފައިވާ އެކޮމިޝަންގެ އިންތިޚާބާބެހޭ މައި މަރުކަޒުގައެވެ. އެގޮތުން 87 ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވެއެވެ.

މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް 406 ކެންޑިޑޭޓުން ފޯމް ހުށަހެޅިނަމަވެސް ގުރުއަތުނަގާ ނަންތައް ތަރުތީބު ކުރުމުގެ ކުރިން 5 ކެނޑިޑޭޓުންގެ ފޯމް ބާތިލްކޮށްފައިވާއިރު، 8 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށްވެސް އީސީން ބުނެއެވެ. އެހެންކަމުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ 393 ކެނޑިޑޭޓުންނެވެ.

ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ނަންތައް ތަރުތީބުކޮށް ކެނޑިޑޭޓް ނަންބަރު ލިބިވަޑައިގަތުމާއެކު ރަސްމީކޮށް ކެމްޕެއިން ފެށުނީކަމަށެވެ. އެހެންކަމުން ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް ހިންގާގޮތާއި ކެނޑިޑޭޓުން ޢަމަލުކުރަމުން އަންނަ ގޮތް އިލެކްޝަންސް ކޮމިޝަނުން މޮނީޓަރ ކުރަމުން ގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިޚާބުގައި ވާދަކުރާ ކޮންމެ ކެނޑިޑޭޓަކަށްވެސް ލޯގޯއާއި ޝިއާރުތައް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި، އެ ލޯގޯތަކާއި ޝިއާރުތައް އިލެކްޝަންސް ކޮމިޝަނުން ބަލާ މިންގަނޑުތަކަށް ފެތޭކަމަށްވާނަމަ ފާސްކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"ގުރުއަތުލާ ނިމި ނަން އިޢުލާންކުރެވުމާއެކު ރަސްމީ ކެމްޕެއިން ފެށުނީ. މި ރަސްމީ ކެމްޕެއިން ކުރިއަށް ގެންދަވާއިރުގައި ޤަބޫލުކުރައްވާތި އަޅުގަނޑޫމެން ކެމްޕެއިން ކަންތައް ކުރިއަށްދާގޮތް ބޭނުންވާ ދާއިރާތަކުގައި އަޅުގަނޑުމެންނާ ހަމައަށް އެއްވެސް ޝަކުވާއެއް އަތުވެއްޖެކަމަށްވަންޔާމު ބަލާ ކެމްޕެއިން މިނިޓަރ ކުރަމުންދާނަން." ޝަރީފް ވިދާޅުވިއެވެ.

އަންނަ މަޖިލިސް 507 ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. މާލޭގެ 15 ދާއިރާއަށް ނިސްބަތްވާ މާލޭގެ ރައްޔިތުން ވޯޓުލުމަށް 59 ވޯޓު ފޮށި ހުންނާނެއެވެ. މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓްލުމަށް 82 ވޯޓު ފޮށި، އަތޮޅުތަކުގެ ރަށްތަކުގައި 306 ވޯޓު ފޮށި، ބަހައްޓާނެއެވެ. އަދި ރިސޯތްތަކުގައި 39 ވޯޓު ފޮށި، ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި 4 ވޯޓު ފޮށި، ޖަލުތަކުގައި 5 ވޯޓުފޮށި، ރާއްޖެއިން ބޭރުގައި 12 ވޯޓު ފޮށި މި ފަހަރުގެ އިންތިޚާބުގައި ބަހައްޓާނެކަމަށް އިސީން ބުނެއެވެ.