ސިޔާސީ

އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރީ ވެރިކަމުން އަޒުލުކުރަން


މުހައްމަދު ނަޝީދުގެ މައްޗަށް ހިނގައިދިޔަ ޝަރީއަތަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒުފޯރުވަން އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް ބާރުއަޅަމުންދިޔައީ ވެރިކަމުން އަޒުލުކުރުމަށް ފުރުސަތެއް ހޯދުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ދެ ބައި އިލެކްޝަނެއް ޕީޕީއެމުން ކާމިޔާބުކުރުން ފާހަގަކުރުމަށް ރޭ މާލޭގެ އިރުމަތީ ފަރާތު ހެދިގޮނޑުދޮށުގައި ބޭއްވި ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނު ދެކެ ރުޅި އަންނަނީ އެޝަރީއަތަށް އެމަނިކުފާނު އަތްޕުޅު ބާނައި ނުފޫޒު ފޯރުވަން މަސައްކަތް ނުކުރެއްވުމުންކަމަށެވެ.ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތްޕުޅު ކުރެއްވިނަމަ އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސްއަޅާ ރައީސެއްގެ މައްސަލަ ފެންމަތިވާނެކަމަށާއި އެއީ ރައީސުލް ޖުމްހޫރިއްޔާކަމުން ވަކިކުރުމަށް ގާނޫން އަސާސީން ލާޒިމުކުރާ މައްސަލައެއްކަމަށެވެ.އެހެންވީމާ ރައީސް ނަޝީދުގެ ޝަރީއަތް ހިންގިޔަ ނުދީފައި އިދިކޮޅު ފަރާތްތަކުން ބޭނުންވީ އެމަނިކުފާނަށް ކެއްސެއް ދެއްވުންތޯ ރައީސް ސުވާލު އުފެއްދެވިއެވެ.ރައީސް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އުފުއްލެވީ ހައްގު ނޫން ދައުވާއެއްކަމަށްވާނަމަ ޕްރޮސެކިއުޓަރޖެނެރަލް ޖަވާބުދާރީ ކުރެވޭނެ ގޮތް އެބަހުރިކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީއަށް އެމްޑީޕީން ނުދަނީ ކީއްވެގެންތޯ ރައީސް ޔާމީން އެއްސެވިއެވެ.އަދި އެދައުވާ އުފުއްލެވީ ކީއްވެގެންތޯ އެއްސެވުމަށާއި އެހެންނަމަވެސް އެމްޑީޕީން އެކަން ނުކުރާނެކަމަށް ވިދާޅުވިއެވެ.ރޭ ޕީ.ޕީ.އެމް އަދި އެމް.ޑީ.އޭގެ ގުޅިފައިވާ ކޯލިޝަނުން ބޭއްވި މިހަފްލާގައި ވާހަކަފުޅުދެއްކެވި ބޭބޭފުޅުން އިދިކޮޅު ޕާޓީތަކުން ސަރުކާރާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.