ސިޔާސީ

ފްލެޓް ލިބިފައިވާ ފަރާތްތައް އެނގޭނެ ލިސްޓް ޢާންމުކޮށް ޝަކުވާ ހުށައަޅަން ހުޅުވާލައިފި


"ހިޔާ" މަޝްރޫޢާއި، "ގެދޮރުވެރިކުރުވުން" މަޝްރޫޢާއި، "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތައް އެނގޭނެ ލިސްޓް ޢާންމުކޮށް ޝަކުވާ ހުށައެލޫމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، "ހިޔާ" މަޝްރޫޢާއި، "ގެދޮރުވެރިކުރުވުން" މަޝްރޫޢާއި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެ މަޝްރޫޢުތަކުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ގޮތާމެދު ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު މިއަދު ހުޅުވައިލައްވާފައިވާކަމަށެވެ.

އެގޮތުން މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރު ދެގަޑި ސުންމިނެޓުގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައްވައިފައިވާކަމަށާއި، ސިޓީ، އީމެއިލް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅުއްވޭނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

"ހިޔާ" މަޝްރޫޢާއި، "ގެދޮރުވެރިކުރުވުން" މަޝްރޫޢާއި، "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް"ގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތައް އެނގޭނެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ކުރީގެ ސަރުކާރުން ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައެވެ.

އެކޮމެޓީން ބުނީ ފްލެޓް ދިނުމުގައި ކަނޑައެޅިފައިވާ ޝަރުތުތަކާއި ޚިލާފަށް ބައެއް ފަރާތްތަކަށް ފްލެޓް ދޫކޮށްފައިވާކަން މިހާތަނަށް ބެލިބެލުމުން ހާމަވެފައިވާކަމަށެވެ. ދިރިއުޅުމުގެ ހާލަތަށް ބިނާކޮށް 60 ޕޮއިންޓް ދޭ އިރު ބައެއް ފޯމްތަކުގައި އެމައުލޫމާތުތައް ނެތިވެސް ހަމަ ފުލް 60 ޕަސެންޓް މާކްސް ދީފައިވާކަމަށްވެސް އެ ކޮމެޓީން ވަނީ ބުނެފައެވެ.

އެކޮމެޓީގެ ނާއިބު ރައީސް މުޙައްމަދު މުޢިއްޒު އަދުނާން ވިދާޅުވެފައިވަނީ ރައްޔިތުނާއި ގުޅިފައިވާ މިފަދަ މުހިއްމު މަޝްރޫއަކަށް ހުށަހެޅިފައިވާ ފޯމްތައް ހައުސިންގ މިނިސްޓްރީން ރައްކާތެރިކަމާއިއެކު ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން އެއްވެސް ތަރުތީބެއްނެތި ފޯމްތައް އެކިތަންތަނުގައި ބަހައްޓާފައިވާކަމަށާއި، ހައުސިންގ މިނިސްޓްރީގެ ގުދަނެއްގެ ތެރެއިންވެސް ގިނަ އަދަދެއްގެ ފޯމްތައް ފެނިފައިވާކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.