ސިޔާސީ

ރައީސް ޔާމީން އަނެއްކާވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފި


ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަނެއްކާވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފިއެވެ.

ރައީސް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާކަން ކަރެކްޝަނަލް ސާރވިސުން ވަނީ ޔަޤީންކޮށްދީފައެވެ. އެހެންނަމަވެސް އެމަނިކުފާނު އެޑްމިޓްކުރި ސަބަބެއް ކަރެކްޝަނުން ހާމައެއް ނުކުރެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނީ، ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންނެވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަށްކަމަށެވެ. ނަމަވެސް އެމަނިކުފާނު ފަރުވާ ހޯއްދަވާ ކަންކަމާ ގުޅޭ މަޢުލޫމާތަކީ އެމަނިކުފާނުގެ ޒާތީ މަޢުލޫމާތުތަކެއްކަމަށް ބުނެ ކަރެކްޝަނުން އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

ޕީޕީއެމުންވެސް ބުނީ ރައީސް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓްކުރި ސަބަބު އަދި ނޭނގޭކަމަށާއި، އެމަނިކުފާނުގެ ޤާނޫނީ ޓީމުން އެމަނިކުފާނާ ބައްދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިދިޔަ މަހުގެ ވިހި ވަނަ ދުވަހުވެސް ރައީސް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި އަމުރާއެކު ޔާމީން ވަނީ މަފުށީ ޖަލަށް ބަދަލުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިނާޔާތުގެ ފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާތައް އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފްއިން ވަނީ ޔާމީންގެ އެކައުންޓަށްވެސް އެ މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އޭސީސީން އެންގުމުން ޔާމީން ވަނީ އެ ފައިސާ ދެއްވުމަށް އިންކާރުކުރައްވާ އޭސީސީއާއި އެކު އެސްކްރޯ އެކައުންޓެއް ހުޅުވާފައެވެ. އަދި އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުތިރާފުވެޑައިގެންފައެވެ.

ފުލުހުން އެ މައްސަލަ ތަހުޤީގުކުރުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ބޭނުންކޮށްގެން ލޯންޑަރިންގެ އަމަލު ހިންގަވާފައިވާކަމަށެވެ. އަދި ކެމްޕައިން ދުވަސްވަރު ޔާމީންގެ އެކައުންޓަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.