އަންނަ އޭޕްރިލް މަހު އަލްޖީރިއާގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ޢަބްދުލް ޢަޒީޒް ބޫތަފްލިކާ ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ. އޭނާ މިކަން އިއުލާންކުރައްވާފައިވަނީ ރިޔާސަތުގެ ފަސްވަނަ ދައުރަކަށް ރައީސް ޢަބްދުލް ޢަޒީޒް ބޫތަފްލިކާ ކުރިމަތިލައްވާނެކަން އިޢުލާންކުރެއްވުމުން، އެކަމާ ދެކޮޅަށް އަލްޖީރިއާގައި މުޒާހަރާކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އުމުރުން 82 އަހަރުގެ ބޫތަފްލިކާ އަލްޖީރިއާގެ ވެރިކަމާ ހަވާލުވެވަޑައިގެންފައިވަނީ 1999 ވަނަ އަހަރުއެވެ. އޭޕްރިލް މަހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ބޫތަފްލިކާ ދެއްވީ އަލްޖީރިއާގައި މިހާރު ވެރިކަން ކުރަމުންދާ އެފް.އެލް.އެން ޕާޓީ، އިންތިޚާބުގައި ތަމްސީލުކުރައްވާނީ އޭނާކަމަށް ނިންމުމާއެކުގައެވެ.
އަލްޖީރިއާގެ އެތައް ސިޔާސީ ޕާޓީއަކާ ވިޔަފާރިތަކާ ޓްރޭޑް ޔޫނިއަން ތަކުން ވަނީ އިންތީޚާބުގައި އޭނާއަށް ތާޢިދުކުރާނެ ކަމަށް ބުނެފައެވެ. ރައީސް ބޫތަފްލިކާގެ ރިޔާސީ ކެމްޕޭންގެ މެނޭޖަރު އަބްދުލްޣަނީ ޒަލާނީ ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ބައުތްފްލިކާގެ ނަން އިލެކްޝަންސްއާ ބެހޭ އިދާރާއަށް ހުށަހަޅުއްވާފައެވެ.
މިކަމާ ބެހޭ ލިޔުންތައް ހުށަހަޅުއްވަމުން ޒަލާނީ ވަނީ، ބޫތަފްލިކާގެ ފަރާތްޕުޅުން ރައްޔިތުންނަށް ލިޔުއްވާފައިވާ ސިޓީއެއް ވިދާޅުވެފައެވެ. މި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިގެން ރިޔާސަތުގެ ފަސްވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، އެއް އަހަރު ދުވަހުގެ ތެރޭގައި މަޤާމުން އިސްތިއުފާ ދެއްވާނޭކަމަށެވެ.
އޭނާ ވިދާޅުވީ، އެއް އަހަރު ދުވަހުގެ ތެރޭގައި އެގައުމުން އަލުން އަވަސް އިންތިޚާބެއް ބާއްވާނެ ކަމަށާ އިންތިޚާބުގެ ކުރިން މަޤާމުން އިސްތިޢުފާ ދެއްވާނޭކަމަށެވެ. އެހެންނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ މިއީ މީގެ ދިހަދުވަސް ކުރިން އޭނާއާ ދެކޮޅަށް އެ ޤައުމުގައި މުޒާހަރާކުރަން ފެށި ފަރާތްތައް ހިތްހަމަޖެއްސުމުގެ ގޮތުން އަލްޖީރިއާގެ ރައީސް ކުރއެއްވި އިއުލާނެއް ކަމަށެވެ.
ބައުތްފިލްކާއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކާ އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ރިޔާސަތުގެ މަސްއޫލިއްޔަތު އުފުއްލެވުމުގެ ސިއްހީ ޤާބިލްކަމެއް އޭނާގެ ކިބައިގައި މިހާރު ނެތްކަމަށެވެ. އަދި ސަރުކާރުގެ އެކި ދާއިރާތަކަށް ކޮރަޕްޝަން ފުޅާ ދާއިރާއެއްގައި ފެތުރިފައިވާއިރު އިޤްތިސާދު ނަގާ ކޮޅަށްޖެހުމަށް ވެސް އޭނާ ނާކާމިޔާބުވެވަޑައިގެންފައިވާކަމަށް އެފަރާތްތަކުން ބުނެއެވެ.