ސިޔާސީ

އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރިޝްވަތު ހުށައަޅާކަން ވަނީ ފާހަގަކުރެވިފައި- އެޗްއާރުސީއެމް


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާއާއި ރިޝްވަތު ދިނުމުގެ ކަންކަން ފާހަގަކުރެވިފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފިއެވެ.

އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެގައި ބުނެފައިވަނީ، މަޖިލީހުގެ އިންތިޚާބުގެ ކަންކަން މޮނިޓަރކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް ބެލިބެލުމުން ބައެއް ކެނޑިޑޭޓުންގެ އިންތިޚާބީ ހައްޤަށް އަސަރުކުރާނެ ފަދަ ކަންކަން ކުރުމާއި، އެންޓި ކެމްޕޭން ކުރުންފަދަ ކަންކަން ފާހަގަކުރެވިފައިވާކަމަށް އެޗް.އާރު.ސީއެމުން ބުނެފައިވެއެވެ.

މީގެ އިތުރުން ބައެއް ކެނޑިޑޭޓުންގެ އަބުރަށް ބުރޫއަރާނެ ގޮތަށް ކެނޑިޑޭޓުންގެ ޒާތީ ކަންކަމަށް ފާޑުކިއުމާއި، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާއާއި ރިޝްވަތު ދިނުންފަދަ ކަންކަން މިހާތަނަށް ފާހަގަކުރެވުފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަންނަ މަޖިލިސް އިންތިޚާބަކީ ސިޔާސީ ޕާޓީތަކުންނާއި، އަމިއްލަ ގޮތުންވެސް ގިނަ ބަޔަކު ވާދަކުރާ އިންތިޚާބެއްކަން ފާހަގަކޮށް އެޗް.އާރު.ސީ.އެމްގެ ބަޔާނުގައި ވަނީ، އިންތިޚާބީ ޤާނޫނުތަކަށް އިޙްތިރާމްކުރުމަށް ގޮވާލާފައެވެ. އަދި އެންޓި ކެމްޕޭން ނުކުރުމަށާއި، ވޯޓަށް ނުފޫޒު ފޯރުވާނެ ކަންކަމުން ދުރުވެ، އެއްވެސް ކެނޑިޑޭޓެއްގެ އަބުރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށްވެސް ސިޔާސީ ޕާޓީތަކަށާއި، ކެނޑިޑޭޓުން އަދި ޢާންމު ފަރާތްތަކަށްވެސް އެޗް.އާރު.ސީ.އެމް އިން ވަނީ ގޮވާލާފައެވެ.