ޚަބަރު

ހުދައިދާގައި ހަމަލާބަދަލުކުރުން ހުއްޓާލާ އެއްބަސްވުން ތަންފީޒުނުކުރެވި ރޫޅިދާނޭކަމުގެ ބިރު އުފެދިއްޖެ


ޔަމަނުގެ ބަނދަރުވެރި ރަށެއް ކަމަށްވާ ހުދައިދާގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އދން އިސްނަގައިގެން ޤާއިމުކޮށްފައިވާ އެއްބަސްވުން ތަންފީޒުކުރުމަށް ޔަމަނުގެ ހަނގުރާމައިގައި ޝާމިލުވާ ދެ ފަރާތުން މިހާރަށް ވުރެ ބޮޑަށް މަސައްކަތްތައް ނުކުރާނަމަ މި އެއްބަސްވުން ރޫޅިގެން ދިއުމަކީ އެކަށިގެންވާ ކަމެއްކަމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް ވިދާޅުވެއްޖެއެވެ.

އދން އިސްނަގައިގެން ސްވިޑަންގައި ކުރިއަށްގެންދިޔަ ވާހަކަތަކުގައި ޔަމަނުގެ ސަރުކާރާއި އިދިކޮޅު ހޫޘީ ޖަމާޢަތުން ވަނީ ޔަމަނުގެ މުހިއްމު ބަނދަރުވެރި ރަށެއް ކަމަށްވާ ހުދައިދާގެ ކައިރިން ހަމަލާ ބަދަލުކުރުން ހުއްޓާލާ އެ ރަށުގައި ތިބި ހަނގުރާމަވެރިން އެ ރަށުން ބޭރުކުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން އެ ރަށުން ހަނގުރާމަވެރިން ބޭލުމުގެ މަސައްކަތްތައް ކުރިން ފެއްޓިއެވެ. އެހެންނަމަވެސް މިހާރު، އެ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ.

ޔަމަނަށް ކުރެއްވި ދަތުރެއްގައި ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ހަންޓް ވިދާޅުވީ، ސްވިޑަންގައި ދެ ފަރާތުން ކުރިއަށްގެންދިޔަ ސުލްޙައިގެ ވާހަކަތަކުން ޤާއިމުކޮށްފައިވާ އެއްބަސްވުން ތަންފީޒުކުރުމުގެ އެންމެ ފަހު މަރުހަލާއަށް ވާސިލުވެފައިވާކަމަށެވެ.

އެހެންނަމަވެސް، ހަނގުރާމައިގައި ޝާމިލުވާ ދެ ފަރާތުން މިކަމުގައި އެކަށިގެންވާ މަސައްކަތްތައް ނުކުރާނަމަ މި އެއްބަސްވުން ރޫޅިގެން ދިއުމަކީ އެކަށިގެންވާ ކަމެއް ކަމަށްވެސް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.