ޚަބަރު

ވިއެޓްނާމް ސަމިޓް ނާކާމިޔާބުވީ ކޯހެންގެ އަޑުއެހުން އެ ދުވަހު ބޭއްވުމުންކަމަށް ޓްރަމްޕް ވިދާޅުވެއްޖެ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އިއުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުންއާ ދެމެދު ހުސްވި ހަފުތާގައި ބޭއްވި ބައްދަލުވުމުގައި އެއްބަސްވުމެއް ޤާއިމުނުކުރެވުނީ މި މަޝްވަރާތައް ކުރިއަށްގެންދިޔަ ދުވަހާއި، އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ޓްރަމްޕްގެ ކުރީގެ ޤާނޫނީ ވަކީލު މައިކަލް ކޯހެންއާ ސުވާލުކުރި ދުވަހާ ދިމާވުމުންކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހުސްވި ހަފުތާގެ ބުދައިން ބުރާސްފައްޗަށް ވިއެޓްނާމުގައި އެމެރިކާގެ ރައީސް ޓްރަމްޕާއި އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި އެއްބަސްވުމެއް ޤާއިމުކުރެވިފައި ނުވަނީ އުތުރު ކޮރެޔާއާ ދެކޮޅަށް އދން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު ދެ ޤައުމުގެ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދުމުގެ ސަބަބުންކަމަށް އެމެރިކާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

މިކަމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެމެރިކާ އާއި އުތުރު ކޮރެއާއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކާ އެއް ވަގުތެއްގައި، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައ ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުންތަކެއްގައި އޭނާގެ ކުރީގެ ޤާނޫނީ ވަކީލު މައިކަލް ކޯހެން ފަދަ މަކަރުވެރި ބޭފުޅަކާ ސުވާލުކުރުމަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރެއްވި ފަރުވާކުޑަ ޢަމަލެއްކަމަށެވެ.

އަދި މި މަޝްވަރާތަކުގައި ވަކި އެއްބަސްވުމެއް ޤާއިމުކުރެވިފައި ނުވުމުގެ އެއް ސަބަބަކީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއިން ކުރިއަށްގެންދިޔަ އަޑުއެހުން ކަމަށްވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރައީސް ޤައުމުން ބޭރުގައި ހުންނަވަނިކޮށް މިފަދަ އަޑުއެހުމެއް ބާއްވައިގެން ނުވާކަމަށެވެ.