ޚަބަރު

ކޮރެއާ ބައްރުގައި އެމެރިކާ އާއި ދެކުނު ކޮރެއާއިން ހިންގާ ހަރަކާތްތައް މެދުކަނޑާލަން ނިންމައިފި


ކޮރެއާ ބައްރުގައި އެމެރިކާ އާއި ދެކުނު ކޮރެއާއިން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނުތައް މަދުކޮށްފިނަމަ، އެމެރިކާއަށް އެތަށް މިލިއަން ޑޮލަރެއް ރައްކާކުރެވޭނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އެމެރިކާ އާއި ދެކުނު ކޮރެއާގެ ދިފާޢީ ވަޒީރުން ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު އެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު ކުރިއަށްގެންދާ ބޮޑެތި އަސްކަރީ ތަމްރީނުތައް މެދުކަނޑާލާކަން އިޢުލާންކުރައްވާފައެވެ.

މި ތަމްރީނުތައް އަލުން ފަށާނެކަމަށް އެ ދެ ޤައުމުން ބުނެފައި ނުވާނަމަވެސް، އެ ސަރަހައްދުގައި ކުދި އަސްކަރީ ތަމްރީނުތައް ހިންގާނެކަމަށް ދެ ޤައުމުންވެސް ވަނީ ހާމަކޮށްފައެވެ. މިކަމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި އެމެރިކާގެ ރައީސް ވިދާޅުވީ، ދެކުނު ކޮރެޔާއާ ގުޅިގެން އެމެރިކާއިން ހިންގާ ތަމްރީނުތަކުގެ ޢަދަދު މަދުކޮށްގެން އެމެރިކާއަށް އެތައް މިލިއަން ޑޮލަރެއް ސަލާމަތްކުރެވޭނެކަމަށެވެ.

އަދި މިގޮތަށް އެމެރިކާގެ ރައްޔިތުންގެ ފައިސާ ސަލާމަތްކޮށް ރައްކާތެރިކުރުމަކީ އޭނާ ރައީސްކަމާ ހަވާލުވެވަޑައިގެން މައިގަނޑު އެއް ސަބަބު ކަމަށްވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ، މި ތަމްރީނުތައް މަދުކޮށްގެން އުތުރު ކޮރެއާއާ ދެމެދު އޮންނަ ނުތަނަވަސްކަން ވެސް ފިލައިގެންދާނެ ކަމަށެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާއިން ކޮރެއާ ބައްރުގައި ހިންގާ ތަމްރީނުތަކާ ދެކޮޅަށް އުތުރު ކޮރެއާއިން ތަކުރާރުކޮށް ވާހަކަދައްކާފައިވާ އިރު އެ ޤައުމުން ބުނެފައިވަނީ މިއީ އެ ޤައުމަށް ހަމަލާތައްދިނުމަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ތަމްރީނުތަކެއް ކަމަށެވެ.