ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ "ހިޔާ" މަޝްރޫޢުގައި ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު ފަރާތްތަކަށް ފްލެޓް ކަށަވަރުވާނެތޯ ސުވާލުކުރުމަށް ހައުސިންގ މިނިސްޓަރ އާމިނަތު އާޠިފާ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ހައުސިންގ މިނިސްޓަރ އާޠިފާ މަޖިލީހަށް ޙާޒިރުކޮށް ސުވާލުކުރުމަށް ހުށައަޅުއްވާފައި ވަނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. ރިފާޢު ހުށައަޅުއްވާފައިވާ މައްސަލާގައި ބުނެފައިވަނީ ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތްކުރަމުންދާ ފްލެޓްތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށް ޙަބަރުތައް ފެތުރެމުންދާކަމަށެވެ. އެހެންކަމުން ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު ފަރާތްތަކަށް ވާނީ ކިހިނެތްތޯ ރިފާޢު ސުވާލު އުފައްދާފައިވެއެވެ.
ހައުސިންގ މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް ނިންމާފައިވާއިރު، އެޗްޑީސީން ވަނީ ކުރީގެ ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ކުރީގެ ސަރުކާރުން ހުޅުމާލޭގައި ހަތް ހާސް ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް ދެ ކޮޓަރިއާއި އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަކީ އެންމެ އެކަށީގެންވާ ގޮތުގައި އާއިލާއަކަށް އުޅެވޭނެ ޕްލެޓްތަކަށް ނުވާނެކަމަށެވެ. އެހެންކަމުން މިހާތަނަށް މަސައްކަތް ނުފަށައި ހުރި ފްލެޓް އިމާރާތްތަކުގައި 3 ކޮޓަރީގެ އެޕާރޓްމަންޓްތައް ހެދުމަށް ހައުސިން މިނިސްޓްރީއާއި އެޗްޑީސީން މަޝްވަރާކޮށްފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
ހިޔާ މަޝްރޫއުގެ ފްލެޓުތައް ދޭނެ ފަރާތްތައް ކުރިން އިއުލާނުކޮށްފައިވީ ނަމަވެސް މި ސަރުކާރުން ވަނީ ފްލެޓުތައް ހައްޤު ނޫން ބަޔަކަށް ދިންކަމަށް ބުނެ ޢާންމު ފަރާތްތަކުން ކުރާ ޝަކުވާއާ ގުޅިގެން ފްލެޓުތަކުގެ ކަންކަން ބެލުމަށް ޚާއްސަ ކޮމެޓީއެއްވެސް އެކުލަވާލާފައެވެ.