ޚަބަރު

އިންތިޚާބުގައި ވާދަކުރަނީ 393 ކެނޑިޑޭޓުން


އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނީ 393 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިސީން ބުނީ އިންތިޚާބަށް ކުރުިމަތިލުމުގެ ފުރުސަތު މިއަދު ހަވީރު ހަތަރަކަށް ހަމަވައިރު 406 ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރެއިން 5 ކެންޑިޑޭޓުންގެ ފޯމް ވަނީ ބާތިލްކޮށްފައިވާކަމަށާއި 8 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށްވެސް އީސީން ބުނެއެވެ.

އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ހުޅުވާލި ފުރުސަތު ފުރަތަމަ ހަމަވީ މިދިޔަ މަހުގެ އެކާވީސްވަނަ ދުވަހުއެވެ. އެދުވަހު މައްދަތު ހަމަވިރު އިންތިޚާބުގައި ވާދަކުރުމަށް 395 ކެނޑިޑޭޓަކު ފޯމް ހުށައަޅާފައިވެއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯޯމް ހުށައެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 25 ވަަނަދުވަހުއެވެ. އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށައެޅުމަށް ދެވަނަ ފުރުސަތެއް އީސީން ހުޅުވާލީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީ އާއި ހިލާފު ކަމަށް ސުޕްރީމްކޯޓުން ކަނޑައަޅާ ޕްރައިމަރީން ބަލިވާ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އެ ކޯޓުން ހުކުމްކުރުމުންނެވެ.

ޕްރައިމެރީގައި ވާދަކޮށް ބަލިވި ފަރާތްތަކުން އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށައަޅަން ހުޅުވާލުމުން ފޯމް ހުށައަޅާފައިވަނީ 6 ފަރާތަކުންކަމަށް އިސީން ބުނެއެވެ. އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން އޮންނާނީ މިރެއެވެ. އީސީން ބުނީ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މިރޭ 08:30 ފެށިގެން މެންދަމުން އަލިވެ 03:30 އާއި ހަމައަށް ދެމިގެންދާނެކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕިން 86 ދާއިރާގައި ވާދަކުރާނެއެވެ. ސަރުކާރުގެ ކޯލިޝަން ހިމެނޭ ޖުމްހޫރީ ޕާޓީން 41 އެއް ދާއިރާއެއްގައި ވާދަކުރާއިރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން 9 ދާއިރާއެއްގައި ވާދަކުރާނެއެވެ.

ޕީޕީއެމުން 26 ދައިރާއަކަށް ކެންޑިޑޭޓުން ނެރެފައިވާއިރު އެ ޕާޓީއާއި އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީ 23 ދާއިރާއަކަށް އަދި ޑީއާރުޕީން 05 ދާއިރާއަކަށް ވާދަކުރެއެވެ. އެމްޑީއޭއިން ވާދަކުރަނީ 8 ދައިރާއަކަށެވެ. ދާދިފަހުން އުފެއްދި އެމްޓީޑީން 10 ކެނޑިޑޭޓުން އިންތިހާބަށް ނެރެއެވެ. އަދި ލޭބަރ ޕާޓީން 9 ދައިރާއަކަށް ކެނޑިޑޭޓުން ނުކުމެއެވެ.

އަންނަ މަޖިލިސް 507 ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. މާލޭގެ 15 ދާއިރާއަށް ނިސްބަތްވާ މާލޭގެ ރައްޔިތުން ވޯޓުލުމަށް 59 ވޯޓު ފޮށި ހުންނާނެއެވެ. މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓްލުމަށް 82 ވޯޓު ފޮށި، އަތޮޅުތަކުގެ ރަށްތަކުގައި 306 ވޯޓު ފޮށި، ބަހައްޓާނެއެވެ. އަދި ރިސޯތްތަކުގައި 39 ވޯޓު ފޮށި، ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި 4 ވޯޓު ފޮށި، ޖަލުތަކުގައި 5 ވޯޓުފޮށި، ރާއްޖެއިން ބޭރުގައި 12 ވޯޓު ފޮށި މި ފަހަރުގެ އިންތިޚާބުގައި ބަހައްޓާނެކަމަށް އިސީން ބުނެއެވެ.