ޚަބަރު

ޗައިނާގެ އިޤްތިޝާދުގައި ފޮރިން އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރަނީ!


ބޭރުގެ އިންވެސްޓަރުންނަށް ޗައިނާގައި އިންވެސްޓުކުރުމުގައި ހުރި ދަތިތަށް ހައްލުކުރުމަށް އައު ބިލެއް ފާސްކުރުމަށް މިއަހަރުގެ ތެރޭގައި ނޭޝަނަލް ޕީޕަލްސް ކޮންގްރެސް، އެން.ޕީ.ސީން ނިންމައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެން.ޕީ.ސީ ނުވަތަ ޗައިނާގެ ޤާނުނު ހަދާ މަޖިލީހުގެ ތަރުޖަމާނު ޒަން ޔެސުއި ވިދާޅުވީ މި ބިލް ވެގެންދާނީ ބޭރުގެ އިންވެސްޓަރުންނަށް ހަމަހަމަ އަދި ފަހި ފުރުސަތުތަކެއް ލިއްބައިދޭނެ ބިލެއްކަމަށެވެ.

ޔެސުއި ވިދާޅުވީ މި ބިލް ފާސްވުމަށްފަހު އައު ޤާނޫނުގެ ދަށުން ގެނެވޭނެ އެންމެ ބޮޑު އެއް ބަދަލަކީ ބޭރުގެ ކުންފުނިތަކުން ޗައިނާގައި އިންވެސްޓުކުރާއިރު، ޖޮއިންޓްވެންޗަރ އުސޫލުން ޗައިނާގެ ކުންފުންޏަކަށް އެމީހުންގެ އުފެއްދުންތައް ތަރައްޤީކުރުމަށް މިހާރު ހުއްދަދޭންޖެހޭ ދިނުން އުވާލުންކަމަށެވެ.

އައު ޤާނޫނާއިއެކު ބޭރުގެ ކުންފުނިތަކަށް ޗައިނާގެ ކުންފުނިތަކާ އެއް ހައްޤުތަކެއް ކަށަވަރުވެގެންދާނެއެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް ޗައިނާގައި އިންވެސްޓު ކުރެވޭނެ އަދި ނުކުރެވޭނެ ދާއިރާތަށް ސާފުކޮށް ހާމަވެގެންދާނެއެވެ.

އީޔޫ އަދި އެމެރިކާއިން އަންނަނީ، ޗައިނާގައި އިންވެސްޓުކުރުމަށް ބޭރުގެ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކާއި ގުޅިގެން ޒަމާނުއްސުރެއް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޗައިނާއިން ބޭރުގެ އިންވެސްޓަރުންނަށް ހާއްސަކޮށް މިހާރު އަމަލުކުރަމުންދަނީ ވަކިވަކި ތިން ޤާނޫނެއްގެ ދަށުންނެވެ. އައު ޤާނޫނު ފާސްވުމުން މިތިން ޤާނޫނު އުވާލުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުންތަކުގެ ތެރެއިން މި ބިލަށް މަޖިލީހުގެ މެންބަރުން ބަހުސްކުރާނެއެވެ. އައު ފޮރިން އިންވެސްޓްމަންޓު ބިލް ފާސްކުރުމަށް މިމަހުގެ 15 ވަނަ ދުވަހު މަޖުލީހުގެ ތެރެއިން ވޯޓަށް އަހާނެއެވެ.

ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުންތައް ކުރިޔަށްދާނީ މިމަހުގެ ފަހަކުން ފަނަރައަށް، ޗައިނާގެ ވެރިރަށް، ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ޕީޕަލްގައެވެ.