ޚަބަރު

ފުލުހުންނަށް ދޭ ފްލެޓްތައް އަންނަ އަހަރު ނިންމާލަން ބޭނުން- ސީޕީ


ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފުލުހުންގެ ފްލެޓްތައް އަންނަ އަހަރުގެ މެދުތެރޭގައި ނިންމާލުމަށް ބޭނުންވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.ފުލުހުންގެ ވެލްފެއަރ ކަންތައްތައް ރަގަޅު ކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ ތިން ސަތޭކަ ފްލެޓް އިމާރާތް ކުރަމުންދާއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތް އެކި ގޮންޖެހުންތަކާއެކުވެސް ފެށިގެންދިއުމަކީ ފުލުހުންގެ އާއިލާތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.އެގޮތުން އެމަނިކުފާނު ވަނީ މިދިޔަ ހަފްތާގައި ސައިޓަށް ޒިޔާރަތްކުރައްވާ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.މީގެ އިތުރުން ފުލުހުންގެ ވެލްފެއަރ ކަންތައްތައް ރަގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށްވެސް ސީޕީ ހުސައިން ވަހީދު ފާހަގަކުރެއްވިއެވެ.ފުލުހުންނަށް އަޅާ މި ތިން ސަތޭކަ ފްލެޓް ލިބޭނޭ ފަރާތްތައް މީގެ އަހަރެއްހާ ދުވަސްކުރިން ކަނޑައަޅާ އެ ފަރާތްތަކަށް ލިޔުން ހަވާލުކޮށްފައިވާއިރު، ފެލެޓް ލިބުނު ފުލުހުން ދަނީ އެ ފަރާތްތަކުގެ މުސާރައިން ޑައުން ޕޭމަންޓަށް ކޮންމެ މަހަކުވެސް ފައިސާ ދައްކަމުންނެވެ.އެގޮތުން ލިޔުން ހަވާލުކުރެވުނު ދުވަހުން ފެށިގެން ދެ އަހަރުގެ މުއްދަތަކަށް ޑައުން ޕޭމަންޓް ދައްކަންޖެހޭއިރު، ފެލެޓްގައި ދިރިއުޅެން ފެށުމުން ކޮންމެ މަހަކުވެސް ކުލި ދައްކަންޖެހެއެގެ.މި ތިންސަތޭކަ ފްލެޓްގައި ހިމެނެނީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.ފުލުހުންގެ ވެލްފެއަރގެ ކަންތައްތައް ރަގަޅުކުރުމުގެ މަޝްރޫއުގެ ދަށުން ދާދި ފަހުން ވަނީ ލަންކާއިން ކުޑަ އަގެއްގައި ކުއްޔަށް ގެއެއްވެސް ގަނެފައެވެ. އެއީ ލަންކާއަށްދާ ފުލުހުންނާއި، ފުލުހުންގެ އާއިލާތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯއްދައިދިނުމުގެ މަގްސަދުގައި ކުއްޔަށް ހިފި ގެއެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.