ޚަބަރު

"ވަރލްޑް ބަރތް ޑިފެކްޓްސް ޑޭ" ފާހަގަކުުރުމަސް ހަރަކާތްތަކެއް ކުރިއަށްގެންދަނީ

ބައިނަލް އަޤުވާމީގޮތުން ފާހަގަކުރާ "އުފަންވާއިރު އައިބުތައް ހުންނަކުދިންނާބެހޭ ދުވަސް" ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންދަން ހެލްތް މިނިސްޓްރީން ނިންމައިފިއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)އިން ކޮންމެ އަހަރެއްގެ މާޗް މަހުގެ ތިންވަނަ ދުވަސް ކަނޑައަޅާފައިވަނީ "އުފަންވާއިރު އައިބުތައް ހުންނަކުދިންނާބެހޭ ދުވަސް" ނުވަތަ "ވަރލްޑް ބަރތް ޑިފެކްޓްސް ޑޭ" ގެ ގޮތުގައެވެ.

މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގްޞަދަކީ، އުފަންވުމުގައި އައިބު ހުރުމަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އުފަންވުމުގައި އައިބުތައް ހުންނަކުދިން ލިބުން މަދުކުރުމަށް މަސައްކަތްކުރުމެވެ.
މިގޮތުން މިދުވަސް ފާހގަކުރުމަށްޓަކައި ވޭތުވެ ދިޔަ 3 އަހަރުދުބވަހުގެތެރޭހގައި އައި.ޖީ.އެމް.އެޗްގައި ހުރި އުފަންވާއިރު ކުދިންގެ ކިބައިގައި ހުންނަ އައިބުތަކާގުޅޭ މަޢުލޫމާތުތައް ދިރާސާކޮށް އެމަޢުލޫމާތުތައް ދިނުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ވޭތުވެދިޔަ އަހަރު ތައްޔާރުކޮށް ނެރެފައިވާ އުފަންވާކުދިންގެ މެދުގައި "ކްރިޓިކަލް ކޮންޖެނިޓަލް ހާޓް ޑިޒީޒް" ހުރިކަން ދެނެގަތުމަށް ސްކްރީންކުރުމާބެހޭ ޕްރޮޓޮކޯލަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އަދި ކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އުފެދުމުގެ އައިބުތަކާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މިޕެނަލް ޑިސްކަޝަންގައި މިކަމާއިގުޅުންހުރި މަސައްކަތްކުރައްވާ ޖަމްޢިއްޔާ، ޖަމާއަތްތަކުން ކުރާ މަސައްކަތްތަކާއި މިފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮދިނުމުގައި ޖަމިއްޔާތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ޙިއްސާކުރާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުން "ޕްރީ ކޮންސެޕްޝަން ކެއަރ" ނުވަތަ ބަލިވެއިނުމަށް ތައްޔާރު ވުމުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތް މަސައްކަތު ބައްދަލުވުމެއްވެސް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އުފެދުމުގައި އައިބުހުންނަ ކުދިން ލިބުން މަދުކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ދެކުނުއިރުމަތީ އޭޝިއާގެ "ބަރތު ޑިފެކްޓްސް ސަރވެއިލަންސް" ނިޒާމް ރާއްޖޭގައިވެސް 2015ވަނަ އަހަރު ވަނީ ޤާއިމުކޮށްފައެވެ.

މިނިޒާމަށް އަހުލުވެރިކުރުވުމަށާއި މަޢުލޫމާތުތައް އެއްކުރުމާގުޅޭގޮތުން މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ކަމާބެހޭ ތަމްރީންތައް ހިންގާ މިނިޒާމުގެދަށުން ރީޖަނަލްލެވެލާއި، އަތޮޅުލެވެލްގައި މަޢުލޫމާތު އެއްކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އަހަރަކު 8 މިލިއަން ކުދިން އުފަންވަނީ އުފެދުމުގެއެކި އައިބުތަކާ އެކުއެވެ. ޅަފަތުގައި ނުވަތަ އުމުރުން 1 އަހަރު ފުރުމުގެ ކުރިން މަރުވާ ކުދިންގެ ތެރޭގައި އުފެދުމުގައި އައިބު ހުންނަ ކުދިން ގިނަކަމުގައި ތަފާސްހިސާބުތައް ދައްކައެވެ.