ޚަބަރު

ޤައުމީ ޓީމުތަކުން ސިލްވާ މެޑަލް ހޯދުމަކީ މިއަހަރުގެ އަމާޒެއް - ލަތީފް


މިއަހަރު އެންމެ ބޮޑު އަމާޒަކީ ޤައުމީ ޓީމްތަކުން އެންމެ ދަށްވެގެން ސިލްވާ މެޑަލް ހޯދުންކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ވޮލީއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޓައިމް އައުޓް ޕްރޮގްރާމްގައި ވާހަކަދައްކަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއަހަރު އެންމެ ބޮޑަށް މަސައްކަތް ކުރާނީ ގައުމީ އަންހެން އަދި ގައުމީ ފިރިހެން ސީނިއަރ ޓީމަށް ރަގަނޅު ކާމިޔާބީއެއް ލިބޭތޯކަމަށެވެ.

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ސާފް ގޭމްސްގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ގައުމީ އަންހެން އަދި ފިރިހެން ޓީމްތަކުން ދުރާލާއި ފަރިތަކުރުންތައް ފަށާފައިވާކަމަށާއި ދެ ޓީމްގެވެސް އަމާޒަކީ މިފަހަރު މެޑަލް ހޯދުންކަމަށް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ބުންޏެވެ.

ގައުމީ ދެ ޓީމްވެސް މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު ކުރިއަށް އޮތް ރޯދަ މަހުގައިވެސް އެއްވެސް ބަދަލެއް ނައިސް ފަރިތަކުރުންތަށް ކުރިއަށް ދާނެކަމަށް ލަތީފް ވިދާޅުވިއެވެ.

ގައުމީ ފިރިހެން ޓީމަކީ ސެންޓްރަލް ޒޯންގެ ފައިނަލްގައި ކުޅެ، އައިއޯއައިޖީގައިވެސް ރަނގަޅު ވާދައެއް ކޮށްފައިވާ ޓީމަކަށް ވާއިރު، ރާއްޖޭގެ ޓީމަށް މެޑައްޔެއް ނުހޯދެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް ލަތީފް ވިދާޅުވިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސެންޓްރަލް ޒޯން ވޮލީ މުބާރާތް އޮންނާނީ އަންނަ އޮގަސްޓް މަހުއެވެ