ޚަބަރު

ނުޙައްޤު މުއްސަނދިކަން ކުށަކަށް ހަދާ ބިލް މަޖިލީހަށް ބަލައިގެންފި


ނުހައްޤު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ޤާނޫނުލް އުޤޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ހުށަހެޅުއްވި އިސްލާހް ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާގުންނެވެ. އަދި މި ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ވަނީ ނިންމަވާފައެވެ.

މި ބިލު ހުށަހެޅި މަޤުޞަދެއްކަމަށް ބުނެފައި ވަނީ ދައުލަތުގެ މުއައްޒަފަކަށް ލިބޭ ހުއްދަ އާންމުދަނީއާއި
ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީއަށް ބަލާއިރު އެކަށީގެން ނުވާ މިންވަރަށް މުދަލާއި ފައިސާ ލިބިގަތުން ހުއްޓުވާ ނުހައްޤު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ހެދުން ކަމަށެވެ.

އެގޮތުން ވަޒީފާއިން ލިބޭ އާންމުދަނީއާއި ނުބައްދަލު ގޮތެއްގައި ދިރިއުޅުމުގެ ފެންވަރު ޤާއިމް ކުރުމާއި އާންމުދަނީއާ ނުބައްދަލު މިންވަރަކަށް އެފަރާތެއްގެ ނުވަތަ އާއިލާ ނުވަތަ ޒާތީ ވިޔަފާރި އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކުކޮށްފައި ހުރުމަކީ ކުށެއް ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އެ ފަރާތެއްގެ ދިރިއުޅުން ދަމަހައްޓަނީ ޤާނޫނާއި އެއްގޮތަށް ކަމަށްވެފައި އެމީހެއްގެ އާއިލާއެއް ނުވަތަ ވިޔަފާރިއާ ގުޅުން އޮތް މީހެއްގެ ނަމުގައި މިލްކުކޮށްފައިވާ މުދާ ލިބިފައިވަނީ ޤާނޫނާ އެއްގޮތަށް ނަމަ އެއީ ކުށެއް ނޫން ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.

މި ބިލުގައި ވަނީ ނުހައްޤުން މުއްސަނދިކަން ހޯދިކަން ކޯޓުން ސާބިތުވެއްޖެނަމަ އެ މުދަލަކީ ދައުވާ ލިބޭ މީހަކަށް ނިސްބަތް ކުރެވޭނެ މުދަލެއްގެ ގޮތުގައި ބަލައި، މުދާތައް ދަޢުލަތަށް ނެގުމަށް ކޯޓުން އަމުރު ކުރަން ވާނެ ކަމަށާއި ނުހައްޤު މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސް ނުވަތަ ވަޒީރެއް ނުވަތަ މަޖިލިސް މެންބަރެއް ނުވަތަ ފަނޑިޔާރެއްނަމަ އެވާނީ ދެވަނަ ދަރަޖައިގެ ކުށަކަށް ކަމަށާއި އެ ނޫން ހާލަތްތަކުގައި ވާނީ ތިންވަނަ ދަރަޖައިގެ ކުށަކަށް ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ.