ޚަބަރު

ފަސް އަހަރަށް ފަހު، ނިއުރޭޑިއަންޓް ދޫކޮށް ހަމްޒާ މާޒިޔާއަށް ބަދަލުވެއްޖެ

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު ފަސް އަހަރަށް ފަހު އެ ކްލަބު ދޫކޮށް މާޒިޔާއަށް ބަދަލުވެއްޖެއެވެ.

ހަމްޒާ މާޒިޔާއަށް ސޮއިކޮށްފައި ވާއިރު އޭނާ ހޯދުމަށް ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސްވެސް މަސައްކަތްކުރިއެވެ. ހަމްޒާ މާޒިޔާއަށް ސޮއިކޮށްފައި މިވަނީ ނިއު ރޭޑިއަންޓާ ދެމެދު ހަދާފައިވާ އެއްބަސްވުން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން މިދިޔަމަހުގެ ކުރީކޮޅު އުވާލާފައިވަނިކޮށެވެ.

ބ.އޭދަފުއްޓަށް ހަމްޒާ ވަނީ ނިއުރޭޑިއަންޓާއެކު މިދިޔަ ފަސް އަހަރު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ނިއުއާއި ހަވާލުވި ހުރިހާ ކޯޗުންގެ ތަޢުރީފްވެސް ވަނީ ހަމްޒާއަށް ލިބިފައެވެ.

ނިއުގެ ޔޫތު ޓީމުން 2014 ވަނަ އަހަރު ވިދާލި ހަމްޒާ މިދިޔަ ފަސް ވަރަކަށް އަހަރު ވެފައިވަނީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށެވެ. ނިއު އިން މިދިޔަ އަހަރުތަކުގައި ހޯދި ހުރިހާ ކާމިޔާބެއްގައި ހަމްޒާގެ ދައުރު ބޮޑެވެ. ނިއުއާއި ހަވާލުވި ހުރިހާ ކޯޗުން ވެސް ވަނީ ހަމްޕުގެ ކުޅުމަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ. ކޮންމެ މަގާމެއްގައި ކުޅުވިޔަސް ނިއުގައި މިދިޔަ އަހަރުތަކުގައި އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ހަމްޒާއެވެ.

ޒުވާން އުމުރުގައި ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ހަމްޕު އަކީ މިހާރު ސީނިއާ ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިއެކެވެ. ސީނިއާ ގައުމީ ޓީމާއެކު ސާފް ސުޒުކީ ކަޕްގެ ދެ މުބާރާތުގައި ކުޅެފައިވާއިރު ހަމްޕު ވަނީ މިދިޔަ އަހަރު އޮތް މުބާރާތުގެ ފައިނަލް މެޗުގައި އިންޑިއާ ކޮޅަށް އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުގައި އެހީތެރިވެދީފައެވެ.

ދަނޑު މަތީގައި ހަމްޕުގެ ނަމުން މަޝްޙޫރު ކުޅުންތެރިޔާ ވަނީ 2015 ވަނަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދާ، މިދިޔަ ސީޒަނުގައި ޖެހި އެންމެ މޮޅު ގޯލުގެ އެވޯޑުވެސް ހޯދާފައެވެ.

މިއަހަރުގެ މެދުތެރޭގައި ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވާއިރު، މާޒިޔާއިން ވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފިލްޑަރ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް އެޓީމަށް ގެންގޮސްފައެވެ.