ޚަބަރު

ނުޙައްޤު މުއްސަނދިކަން ހުއްޓުވުމަށް ގާނޫނެއް ބޭނުންވޭ - މެމްބަރުން


ނުހައްޤު މުއްސަނދިކަން ހޯދުން ހުއްޓުވުމަށް ވަކިޚާއްޞަ ޤާނޫނެއް އޮންނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވެއްޖެއެވެ. މެމްބަރުން މިހެން ވިދާޅުވީ ނުހައްޤު މުއްސަނދިކަން ހޯދުން ހުއްޓުވުމަށް ޤާނޫނުލް އުޤޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާޙަށް ބަޙުސްކުރައްވަމުންނެވެ.

ނުހައްގު މުއްސަނދިކަން ހޯދުން ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޤާނޫނުލްއުޤޫބާތަށް ހުށަހެޅުއްވި އިސްލާހު ބަލައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާގުންނެވެ. މިބިލު ބަލައިގަތުމަށް ފާސްވުމާއެކު ބިލް ޤައުމީ ސަލާމަތު ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ވަނީ ނިންމަވާފައެވެ.

މި ބިލު ހުށަހެޅި މަޤުޞަދެއްކަމަށް ބުނެފައިވަނީ ދައުލަތުގެ މުވައްޒަފަކަށް ލިބޭ ހުއްދަ، ޢާންމުދަނީއާއި
ވަސީލަތްތަކާއި އެވަސީލަތްތަކުން އުފައްދައިދޭ ޢާމްދަނީއަށް ބަލާއިރު އެކަށީގެންނުވާ މިންވަރަށް މުދަލާއި ފައިސާ ލިބިގަތުން ހުއްޓުވައި، ނުހައްޤު މުއްސަނދިކަން ހޯދުމަކީ ކުށަކަށް ހެދުން ކަމަށެވެ. އަދި ވަޒީފާއިން ލިބޭ ޢާންމުދަނީއާ ނުބައްދަލު ގޮތަކަށް ދިރިއުޅުން ޤާއިމުކުރުމާއި އެފަރާތެއް ނުވަތަ ޢާއިލާ ނުވަތަ ޒާތީ ވިޔަފާރި އޮތްމީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީ ކުށެއް ކަމަށެވެ.

މި ބިލުގައި ވަނީ ނުހައްޤުން މުއްސަނދިކަން ހޯދިކަން ކޯޓުން ސާބިތުވެއްޖެނަމަ އެމުދަލަކީ ދަޢުވާ ލިބޭ ފަރާތުގެ މުދަލެއްގެ ގޮތުގައި ބަލައި، މުދާތައް ދަޢުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަންވާނެ ކަމަށާއި ނުހައްޤު މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސް ނުވަތަ ވަޒީރެއް ނުވަތަ މެންބަރެއް ނުވަތަ ފަނޑިޔާރެއްނަމަ އެވާނީ ދެވަނަ ދަރަޖައިގެ ކުށަކަށް ކަމަށާއި އެނޫން ޙާލަތްތަކުގައިވާނީ ތިންވަނަ ދަރަޖައިގެ ކުށަކަށްކަމަށެވެ.

ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ނުހައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅަން ތާޢީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާރު ބިލްއޮތް ގޮތުން އެހައި ތަފްސީލް ނޫންކަން ފާހަގަ ކުރައްވާ ބިލް ބަލައިގަތުމަށްފަހު ކޮމިޓީ މަރުހަލާގައި ދިރާސާ ކުރާއިރު، ބިލް އިތުރަށް ފުރިހަމަ ކުރުމަށް މެމްބަރުން އެދިވަޑައިގެންނެވިއެވެ.

މި ބިލާގުޅޭ ގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވީ ނުހައްގު މުއްސަނދިކަމަކީ ހަމައެކަނި ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބަދަލުގައި އެކި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީބަޔާން ނެގުންފަދަ ކަންކަން ބިލުގައި ހިމަނަން ޖެހޭކަމަށެވެ. އެގޮތުން ދައުލަތުގެ މަޤާމުތަކާއި ޙަވާލުވުމުގެ ކުރިންނާއި މަގާމުގައި ހުންނަވާއިރު، އަދި މަގާމުން ވަކިވުމަށްފަހު ވަކި މުއްދަތެއް ވަންދެން މާލީބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ބިލަށް އިތުރުކުރަންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެއީ ހަމައެކަނި ކުށަކަށް އެކަނި ހެދުމުން ނުކުންނަ ކަންކަން ގޯސްވެދާނެ. ހައްލުތަކަށް ވުރެ ބޮޑަށް. އެހެން ނަމަވެސް އެކަމުގައި ވަކި ޤާނޫނެއް އައުން ބުއްދިވެރި ގޮތަކަށް ވާނީ. މިއީ އަޅުގަނޑުވެސް ތާއީދު ކުރާ ކަމެއް." ނަޝީދު ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ނުހައްޤު މުއްސަނދިކަން ހޯދައި ލިބިގަތުން ހުއްޓުވުމަށް ތާޢީދު ކުރައްވާ ކަމަށާ، އެކަން ހުއްޓުވުމަށް ޚާއްޞަ ގާނޫނެއް އެކުލަވާލުމަށްފަހު އެކަމަކީ ވަކި ޤާނޫނެއްގެދަށުން ބަލަންޖެހޭ ކަމެއް ކަމަށެވެ. އަދި އެބިލުގައި ހައްޤުގޮތާއި ނުހައްގު ގޮތްވެސް ސާފުކޮށް ބަޔާންކޮށްފައި އޮންނަން ޖެހޭނެކަމަށް ޢާބްދުއްރަހީމް ވިދާޅުވިއެވެ.

"ހައްގަކީ ކޮބައިތޯ. ނުހައްގަކީ ކޮބައިތޯ. އަދި އެ މީހެއްގެ އާއިލާއަކީ ކޮބައިތޯ. އެމީހަކާއި ޒާތީ ގުޅުން ހުރި ކަމަކީ ކޮބައިތޯ ސާފުކޮށް ބަލަންޖެހޭ. ރާއްޖެއަކީ ކޮރޮޕްޝަނާއި ފަސާދައިން ސަލާމަތްވާން ޖެހޭ ތަނެއް ކަމަށް ގަބޫލު ކުރާތީ މި ބިލަށް ތާއީދު ކުރަން." ޢަބްދުއްރަހީމް ވިދާޅުވިއެވެ.

މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުލްއުގޫބާތަށް ގެންނަން ހުށަހެޅި އިސްލާހުގައިވާގޮތުން ދައުލަތުގެ މުވައްޒަފަކަށްހުރެ، ލިބޭ ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރިއިރު ލިބުނު އާންމުދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ޤާއިމުކޮށް ދެމެހެއްޓުމަކީ ކުށެކެވެ.