ވިޔަފާރި

މުއާމަލާތްނުކުރާތާ 5 އަހަރުވެފައިވާ 13 އެކައުންޓެއް ޙަބީބް ބޭންކުން ބަންދުކުރަނީ


ޙަބީބް ބޭންކުގެ މާލޭ ބްރާންޗުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން އެއްވެސް މުއާމަލާތެއް ނުކުރާތާ 5 އަހަރުވެފައިވާ 13 އެކައުންޓެއް ބަންދުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

ޙަބީބް ބޭންކުން ވަނީ އެ ތޭރަ އެކައުންޓުގެ ތަފްސީލް ހާމަކޮށްފައެވެ. ޙަބީބް ބޭންކުން ބުނީ އެ ބޭންކުގެ މާލޭ ބްރާންޗުގެ ރެކޯޑްތައް ދައްކާ ގޮތުން އެ އެކައުންޓްތަކަކީ، ހުސްވި އަހަރުގެ ނިޔަލަށް، ފަސް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އެ އެކައުންޓްތަކުގެ ވެރިފަރާތްތަކުން އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާ އެކައުންޓްތަކެއްކަމަށެވެ.

މި އެކައުންޓުތަކުގެ ވެރި ފަރާތްތަކަށް އެކައުންޓާއި މެދު އަމަލުކުރަންވީ ގޮތެއް ބޭންކަށް އަންގައިދިނުމަށް އެދި ސިޓީ ފޮނުވާފައިވާކަމަށެވެ. އަދި ދީފައިވާ މުއްދަތުގެ ތެރޭގައި ބޭންކައް އެއްވެސް ޖަވާބެއް ދީފައިނުވާ ހުރިހާ ފަރާތެއްގެ ނަންތައް މިހާރު ބޭންކުން ވަނީ ލިސްޓުކުރުމަށްފަހު ގެޒެޓްގައި ޝާޢިއުކޮށްފައެވެ. ޙަބީބު ބޭންކުން ބުނީ، ފަސްދޮޅަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު މި އެކައުންޓުތައް ބަންދުކޮށް އެކައުންޓުތަކުގައި ހުރި ފައިސާ އެމްއެމްއޭއާއި ހަވާލުކުރާނެކަމަށެވެ.

ޕާކިސްތާންގެ ބޭންކެއް ކަމަށްވާ ޙަބީބު ބޭންކުން އަންނަނީ ދުނިޔޭގެ 25 ޤައުމެއްގައި އެ ބޭންކްގެ 55 ބްރާންޗް ހިންގަމުންނެވެ. އަދި ޕާކީސްތާންގައި ޙަބީބު ބޭންކުގެ 1،500 ބްރާންޗް ހުރެއެވެ.