ވިޔަފާރި

ކޮންސްޓްރަކްޝަން ސައިޓުތަކުގެ ރައްކާތެރިކަން ޔަޤީންކުރުމަށް މަސީން ގޮވާލައިފި


ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ޙާދިސާތައް މަދުކުރުމަށްޓަކައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުން، އާދަވެގެން ވަކި އުޞޫލަކުން ކޮންސްޓްރަކްޝަން ސައިޓްތައް އިންސްޕެކްޓް ކޮށް ފާހަގަކުރެވޭ ކަންކަން ރަގަޅުކުރަން އަންގައި، ރަނގަޅުކުރިތޯބަލައި، އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަށް މަސީއިން ގޮވާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ މަސައްކަތް ކުރުވާމީހުންނާއި، މަސައްކަތް ކުރާ މީހުންނާއި، އެފަދަ ސައިޓުތައް ކައިރި ދިރިއުޅެމުންދާ އާއްމު ރައްޔިތުން ކޮންސްޓްރަކްޝަން ސައިޓުތަކުން ކުރިމަތިވެދާނޭ ނުރައްކާތެރި ކަމަކުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އެދިފައެވެ.

މަސީން ވަނީ ޢިމާރާތްކުރާ ސައިޓު ތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، މަސައްކަތްކުރާމީހުންނާއި، މަގުތައް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ކޮންސްޓްރަކްޝަން ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ޢަމަލުކުރަމުންދާ ގޮތުގެ ސަބަބުން ތަކެތި ވެއްޓި ހިތާމަވެރި ޙާދިސާތައް ހިނގައި މީހުންނަށް އަނިޔާވެ އަދި ބައެއް މީހުންގެ ފުރާނަގެއްލުމުގެ ހާދިސާތައް ތަކުރާރުވަމުންދާތީ މިކަމަކީ މަސީން ވަރަށް ކަންބޮޑުވާ ކަމެކެވެ.
މިގޮތުން ވަރަށް ފަހަކުން ކޮންސްޓްރަކްޝަން ސައިޓުތަކުގައި ރައްކާތެރިކަން ފުރިހަމަ ނުވުންފަދަ މައްސަލަތަކާއި ގުޅިގެން މީހުން މަރުވުމުގެ ތިން ހާދިސާއެއް ހިނގާފައިވާކަން މަސީން ވަނީ ފާހަގަކޮށްފައެވެ

މިހާ ގާތްގާތުގައި މިބާވަތުގެ ހިތާމަވެރި މަރުގެ ޙާދިސާތައް ހިނގަމުން ދިއުމަކީ ބަލައިގަނެވޭނޭ ކަމެއްނޫންކަމަށް މަސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މަސީގެ މި ބަޔާނުގައި އެޖަމިއްޔާއިން ވަނީ، ކޮންސްޓްރަކްޝަން ސައިޓުތަކުގައި ނުރައްކާތެރި ޙާދިސާތައް ހިނގުމުންދާކަމުގެ މަޢްލޫމާތު އޮންލައިން ނޫސްތަކުންނާއި، ސޯޝަލްމީޑިއާގެ އެކި ވަސީލަތްތަކުން ލިބެމުންދާ އަދަދު އިތުރުވަމުން އަންނަކަމަށް ބުނެފައެވެ.