ވިޔަފާރި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޗްއާރު އެކްސްޕޯ 375 ބައިވެރިންނާއިއެކު ފަށައިފި


ހިއުމަން ރިސޯސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ އެކްސްޕޯ 375 ބައިވެރިންނާއި އެކު މިއަދު ފަށައިފިއެވެ.

"ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ" ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ މި އެކްސްޕޯ ކުރިއަށްދަނީ ދަރުބާރުގޭގައެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، މާޕްއިން އިންތިޒާމްކޮށްގެން ބާއްވާ "ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ"އަކީ އެޗް.އާރް ޕްރޮފެޝަނަލުންނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިވެންޓެވެ. މި އެކްސްޕޯގައި އޭޝިއާ ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ އަދި އިތުބާރުހުރި އެޗް.އާރް ލީޑަރުންނާއި ފަންނުވެރިންގެ ފަރާތުން، ދާއިރާގެ ފަހުގެ މައުލޫމާތާއި، ރޭވުންތަކާއި، އީޖާދީ އަދި އެންމެ ރަނގަޅު ޕްރެކްޓިސްތައް ހިއްސާކުރާނެއެވެ.

އެޗް އާރު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހީމް ޙަސަންއެވެ. މި އެކްސްޕޯގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ މިފަދަ އެކްސްޕޯއެއްގެ ސަބަބުން ރާއްޖޭގެ އެޗްއާރު ދާއިރާއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެޗް.އާރު އެކްސްޕޯގައި އެންމެ ގިނަ އަދަދަކަށް ބައިވެރިވެފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ބޭފުޅުންކަމަށް މާޕްއިން ފާހަގަކުރެއެވެ.

އެޗްއާރު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާޕްގެ ރައީސް ހުސެއިން އަފީފް ވިދާޅުވީ، މި އެކްސްޕޯ މެދުވެރިކޮށް ބައިވެރިންނަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ތަޖުރިބާ ކާރުންވެސް މި އެކްސްޕޯގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވާ ކަން ހުސެއިން އަފީފް ވާހަކަކުރެއްވިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، މާޕް އަކީ ހިއުމަން ރިސޯސް ދާއިރާއިން ވިޔަފާރިވެރިން ބިނާކުރުމަށް ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޖަމިއްޔާއެވެ. އެޖަމިއްޔާއިން ދަނީ އެޗް.އާރު ދާއިރާއިން ޒުވާނުން ހޭލުންތެރިކުރުވުމަށްޓަކައި ސިލްސިލާކޮށް އެކި ވޯރކްޝޮޕްތަކާއި ފޯރަމްތައް ބާއްވަމުންނެވެ.