ޚަބަރު

ނިމިދިޔަ ސަރުކާރުން ދިވެހި އަސްކަރިއްޔާ ބޭނުންކޮށްފައިވަނީ ސިޔާސީ ބޭނުންތަކަށް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ދިވެހި އަސްކަރިއްޔާ ބޭނުންކެރެއްވީ ޤައުމީ ސަލާމަތާއި ގުޅުންހުރިކަންކަމުގެ ބަދަލުގައި ސިޔާސީ މަސްލަހަތާއި ގުޅިފައިވާ ކަންކަން ކުރުމަށްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެން މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ އެކަމަނާ ދިފާޢީ ވަޒީރުކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ފެއްޓެވީ ދިވެހި އަސްކަރިއްޔާ އޮތް ހާލަތުދެނެގަތުމުގެ މަސައްކަތްކަމަށާއި، އެކަން ދެނެގަތުމަށް ކުރެއްވި މަސައްކަތުގައި ދިވެހި އަސްކަރިއްޔާ އޮތް ހާލަތުފެނި ހައިރާންވެވަޑައިގެންނެވިކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން އަސްކަރިއްޔާގެ ޤާބިލުކަން ހަރުދަނާކޮށް ކުރިއަރުވައި، ޤައުމަށް ކުރިމަތިވެދާނެ ހަމާލާއަކުން ދިފާއުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކޮށްފައިނެތްކަން ފާހަގަވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނަވައި ފާޅުކުރައްވަމުންދާ ސިޔާސަތުތަކުން ނުވަތަ ވާހަކަފުޅުތަކުން، އަސްކަރިއްޔާގެ ވަޒީރުގެ ޒިންމާތައް އަދާކުރެވޭ ކަމަށް ދެކެވަޑައިގަންނަވަންތޯ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އަދުގެ ސަރުކާރުގެ ސިޔާސަތަކީ ދިވެހިރާއްޖެ ބާރުގަދަ ޤައުމެއްގެގޮތުގައި އޮތުންކަމަށެވެ. އަދި ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަނާ މަސައްކަތްކުރައްވަނީ ދިވެހި އަސްކަރިއްޔާއަކީ ވަރުގަދަ، ބޭނުންތެރި، މި ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގެ ޤާބިލުކަން ލިބިފައިވާ އަސްކަރިއްޔާއެއްގެ ގޮތުގައި ބައްޓަންކުރުމަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގައި ހިނގަމުންދާ އެކި ކަންކަމަށް ބަލާއިރު މިއަދު ރާއްޖެއިންވެސް ކުރިމަތިލާންޖެހޭ މައްސަލަތައް ގިނަވެފައިވާ ކަމަށާ، އެހެންކަމުން އެފަދަ ނުރައްކާތަކާއި އެކި ކަންތައްތަކުން ސަލާމަތްވެ ޤައުމައް ދިމާވާ ކަންކަން ހުއްޓުވުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާގައި ހުންނަންޖެހޭކަމަށެވެ.