ޚަބަރު

ރައީސްގެ ދަތުރުފުޅާއެކު ސައުދީގެ ގުޅުން އިތުރަށް ވަރުގަދަވެފައި-


ރައީސުލްޖުމްހޫރިއްޔާ ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން މީގެ ކުރިން ނުފެންނަ ފަދަ މަރުހަލާއަކަށް ދިއުމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް މި ދަތުރުގައި ބައިވެރިވެޑައިގެންނެވި ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.އެމް ބީ ސީގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ސައުދީއަށް ކުރެއްވި ޒިޔާރަތަކީ ސަރުކާރުން ކުރިއަށްގެންދާ އިޤްތިޞާދީ މުހިންމު މަސައްކަތްތަކަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށާއި، އެގޮތުން އެއަރޕޯޓްގެ މަޝްރޫޢަށް ސައުދީން ފާޅުކޮށްފައިވާ ޝައުގުވެރިކަން ފާހަގަކޮށްލެވޭ ކަމަށެވެ.ޝައިނީ ވިދާޅުވީ ރަށްފުށުގެ ޞިއްޙީ ހާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ދެ ގައުމުގެ ދެމެދު ބޭއްވުނު ވާހަކަތަކުން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ލެބޯރެޓަރީފަދަ ތަންތަނާއި، އަރަބި ސްކޫލްތަކަށް ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދިނުމަށް ސައުދީ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.މީގެ އިތުރުން ރާއްޖޭގައި އަލަށް ހަދާ އިސްލާމިކް ޔުނިވަރސިޓީގެ މަސައްކަތަށްވެސް ސައުދީގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.