ދީން

ބިން ހަމަޖެހުނުހާ އަވަހަކަށް ހޮޓަލުގެ މަސައްކަތް ފެށޭނެ-މިނިސްޓަރ


ހައްޖާޖީންނަށް ހާއްސަކޮށްގެން މައްކާގައި ހަދާ ހޮޓަލް އިމާރާތްކުރުމަށް، ބިން ހަމަޖެހުނުހާ އަވަހަކަށް އެތަނުގައި އިމާރާތް އެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި، އެކަމަށް ފަންޑު ކުރުމަށް ހައްޖު ކޯޕަރޭޝަނުންނާއި، ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ތައްޔާރަށް ތިއްބެވި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރުގެ އިސްވެރިން ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އެކަމާ ގުޅޭ މަޝްވަރާތައް ވަރަށް ފުޅާ ދާއިރާއެއްގައި ބޭއްވުނު ކަމަށާއި، އެ ކަމުގެ މަސައްކަތްތައް ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.އެގޮތުން މިކަން ކާމިޔާބު ވެއްޖެނަމަ ހައްޖާއި އުމުރާގެ ކަންތައްތަކަށް ދިވެހިން ކުރާ ޚަރަދު ކުޑަ ވެގެންދާނެ ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.ސައުދީގެ އިސްލާމިކް މިނިސްޓަރ ވަރަށް އަވަހަށް ރާއްޖެ ވަޑައިގެން ދެގައުމުގެ އިސްލާމިކް މިނިސްޓްރީން ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ އެމް.އޯ.ޔޫއެއްގައި ސޮއިކުރެވޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.ސައުދީން މިހާރު ރާއްޖެއަށް ދެމުންދާ މަތީ ތައުލީމުގެ ފުރުސަތުތައް ހަމައެކަނި ދެމުންދަނީ ދީނީ ދާއިރާއިން ނަމަވެސް އަލަށް ސޮއިކުރެވޭ އެއްބަސްވުމުގެ ދަށުން އެހެނިހެން ދާއިރާތަކުންވެސް ރާއްޖެ ކުދިންނަށް ސައުދީގެ ޔުނިވަރސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.