ވިޔަފާރި

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް 8 ފަރާތަކުން އެދެފި


މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް 8 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި 8 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަދި ހުއްދަ ދިނުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިހާތަނަށް 4 ފަރާތެއްގެ އިންސްޕެކްޝަން ނިމި އެފަރާތްތަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ކުރިއަށްއޮތް 2 ދުވަހެއްގެ ތެރޭގައި ދޭނެކަމަށް ވިސާމް ވިދާޅުވިއެވެ. އަދި ހުއްދަ ދިނުމާއިއެކު އެ މިނިސްޓްރީގެ ވެބްސައިޓްގައި އެކަމުގެ މައުލޫމާތު ހާމަކުރާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ 24 ގަޑި އިރު ވިޔަފާރި ހިންގޭނެ ތަންތަން ހުންނަން ޖެހޭ މަގުތަކައި ޝަރުތުތައް މީގެކުރިން ހާމަކޮށްފަ އެވެ. 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުމާއި، 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށްވުން ހިމެނެއެވެ.

މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޭ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު، ކަނބާއައިސާރަނި ހިނގުން، ފަރީދީމަގު، ސޯސަންމަގު، މެދުޒިޔާރަތްމަގު، ޖަނަވަރީމަގު، މަޖީދީމަގުގެ އިތުރުން ބުރުޒުމަގު، އޯކިޑުމަގު، އަމީނީމަގު އަދި ލޮނުޒިޔާރަތްމަގު ހިމެނެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ހުއްދައަށްއެދޭ ހުރިހާ ފަރާތްތަކަށްވެސް ޝަރުތު ހަމަވާނަމަ ހުއްދަދޭނެކަމަށެވެ.