ޚަބަރު

ވެލާ ރިސޯޓުގެ ފަރާތުން 3 ޖަމްޢިއްޔާއަކަށް ބޮޑު އެހީއެއް


ވެލާ ޕްރައިވެޓް އައިލެންޑަށް 5އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގެ ޢަމިއްލަ 3 ޖަމްޢިއްޔާއަކަށް ހަތްސަތޭކަ ފަންސާސް ހާސް ރުފިޔާގެ އެހީއެއް އެރިސޯޓުން ދީފިއެވެ.

ވެލަ ޕްރައިވެޓް އައިލެންޑަށް 5 އަހަރު ފުރުމާއި ގުޅިގެން ހިންގާ އެކިޙަރަކާތްތަކުގެ ތެރެއިން އެރިސޯޓުގެ އިޖްތިމާޢީ ޒިންމާގެ ދަށުން މިއަހަރު އައުކަމެއް ކުރުމުގެ ގޮތުންވަނީ ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ހިންގާ 3 ޖަމްޢިއްޔާއަކަށް ބޮޑު އެހީތެރިކަމެއް ވެދެއްވާފައެވެ. އެގޮތުން ކޮންމެ ޖަމްޢިއްޔާއަކަށް ދުއިސައްތަ ފަންސާސް ހާސް ރުފިޔާގެ އެހީއެއް ވަނީ ދީފައެވެ.

މިރަސްމިއްޔާތަށް ފަހު ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ވެލާ ޕްރައިވެޓް އައިލެންޑްގެ ޑިރެކްޓަރ ފުޑް އެންޑް ބެވަރެޖް އިބްރާހީމް ވަޙީދު ވިދާޅުވީ އެރިސޯޓުގެ ފަރާތުން ޢާއްމުނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ޙަރަކާތްތައް ހިންގާކަމަށާ، މިފަހަރު މިގޮތަށް އެހީދިނުމަށް ނިންމީ އެރިސޯޓަށް 5 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ތަފާތުގޮތަކަށް މިކަން ކުރުމުގެ ބޭނުމުގައިކަމަށެވެ. އަދި އެރިސޯޓަށް 5 އަހަރު ފުރުމާގުޅިގެން އިތުރު ޙަރަކާތްތަކެއްވެސް ރާވާފައިވާކަމަށް އިބްރާހިމް ވަޙީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެހީ ލިބުނު ޖަމްޢިއްޔާތަކުންވަނީ މިއީ އެފަރާތަތްކުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބުނު ބޮޑު އެހީއެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ މިހާތަނަށް އެފަރާތްތަކަށް ލިބުނު އެންމެ ބޮޑު އެހީކަންވެސް އެފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވެލާ ރިސޯޓުގެ އިސްވެރިންނާއި އެހީ ލިބުނު ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ބައެއް ކުދިންވަނީ ބައިވެރިވެފައެވެ.