ޚަބަރު

އުތުރު ކޮރެއާގެ މައްސަލައިގައި އެމެރިކާއިން އަވަސްއަރުވާލައިގެން އެއްވެސް ކަމެއް ނުކުރާނެކަމަށް ބުނެފި


އުތުރު ކޮރެއާގެ މިލްކިއްޔާތުގައި ނިއުކްލިޔަރ ހަތިޔާރު ހުރިހާ ހިނދަކު އެ ޤައުމަށް އިޤްތިޞާދީ ކުރިއެރުން ނުލިބޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިމިވަނީ އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން އާއި ޓްރަމްޕް، ވިއެޓްނާމްގައި ބޭއްވި މަޝްވަރާތައް ވަކިކޮޅެއްގައި ނުޖެހި ނިންމާލާފައިވާ ދަނޑިވަޅެއްގައެވެ.

ދެ ޤައުމުގެ ދެމެދު ކުރިއަށް މަޝްވަރާތަކުން އެއްބަސްވުމެއް ޤާއިމުނުކުރެވުނު ނަމަވެސް ބިނާކުރަނިވި ވާހަކަތަކެއް ކުރިއަށްގެންދެވުނު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އަދި ދެ ޤައުމުންވެސް އެ ޤައުމުއްގެ ޝަރުޠުތަކާއި މަސްލަޙަތުތައް އަންގައިދީފައިވާކަމަށާއި، މިއީ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމުގެ ކޮޅުމަތިކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

އުތުރު ކޮރެއާގެ ނިއުކްލިޔަރ މައްސަލައިގައި އެމެރިކާއިން އަވަސްއަރުވާލައިގެން އެއްވެސް މަސައްކަތްތައް ނުކުރާނެ އެމެރިކާގެ ރައީސް ޓްރަމްޕް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ދެ ޤައުމުގެ އިސްވެރިންގެ ދެމެދު ކުރިއަށް ދިޔަ ސަމިޓްގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ނަމަވެސް އެމެރިކާ އާއި އުތުރު ކޮރެއާއާ ދެމެދު މިހާރު އޮތް ގުޅުމަކީ ކުރިއަށްވުރެ ހަރުދަނާ، ވަރުގަދަ ގުޅުމެއް ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.