ޚަބަރު

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް ޕީއެސްއެމަށް އަލުން އަންނަނީ


ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޕީއެސްއެމުން ހުޅުވާލައިފިއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 10ވަނަ ދުވަހާހަމައަށް ވަނީ ހުޅުވާލާފައެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް ޕީއެސްއެމްއަށް މިއަހަރު ގެނައުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އަދި މިހާރު މިޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލާފައިވާއިރު މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހެއެވެ. އަދި މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ޑްރާމާގެ ސްކްރިޕްޓް ހުށައެޅުމަށްފަހު 27ވަނަ ދުވަހު ޕްރޮޑަކްޝަން މަސައްކަތް ފަށަންޖެހޭކަމަށް ޑްރާމާ މުބާރާތުގެ ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ކުރުވެގެން 45 މިނިޓު އަދި އެންމެ ދިގުވެގެން 50 މިނިޓު ޑްރާމާގައި ހުންނަން ޖެހޭކަމަށް މުބާރާތުގެ ޤަވާއިދުގައި ބުނާއިރު މިމުބާރާތަށް ހުށަހަޅާ ޑްރާމާތަކުގެ ޕްރޮޑަކްޝަން މަސައްކަތް ނިންމުމަށްފަހު އަންނަ މޭއި މަހުގެ 1ވަނަ ދުވަހު ޑްރާމާ ޕީއެސްއެމްއާ ޙަވާލުކުރަން ވާނެކަމަށް ޕީއެސްއެމުން ވިދާޅުވެއެވެ.

ޓެލެޑްރާމާ މުބާރާތާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ޕީއެސްއެމްގެ ސީނިއަރ އެގްޒެކެޓިވް ޕްރޮޑިއުސަރ މުޖުތަބާ ރަޝީދު ޢަބްދުލްކަރީމް ވިދާޅުވީ ޓީވީ ޑްރާމާ މުބާރާތަކީ ޢާއްމުންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ މުޖުތަމަޢަށް ރަނގަޅު މެސެޖުތަކެއް ގެނެސްދޭ ޓީވީގެ ތާރީޚާވެސް ގުޅިފައިވާ މުބާރާތެއްކަމަށެވެ.

"އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަކީ ދިވެހި ފަންނުވެރިންނަށް، ޓީވީއެމުން ހުޅުވާލި ވަރަށް ރަނގަޅު ފުރުސަތެއް. އޭގެ މިސާލެއްކަންނޭގެ އަޅުގަނޑުމެންގެ މުޖުތަމަޢުތެރެއިން މިހާރު މިފެންނަ ފަންނުވެރިން ފެންނަމުން އެދަނީ. އެހެންވީމަ އެއީ ވަރަށްރަނގަޅު ފުރުސަތެއް. އޭގެ އިތުރު ސިލްސިލާތަކެއް މިހާރު މިފެށެނީ. އެހެންވީމަ އަޅުގަނޑަށް ޤަބޫލުކުރެވެނީ މިއީ ޓީވީން ހުޅުވާލި ވަރަށް ރަނގަޅު ފުރުސަތެއް. އެހެން ވީމަ މީގަބައިވެރިވުމުގެ ފުރުސަތު އޮތްއިރުގަ އާ ފަންނުވެރިން މީގެ ތެރެއިން ނެރުން ޓީވީމޯލްޑިވްސްގެ އެންމެ ބޮޑު މަޤުސަދަކީ." މުޖުތަބާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޓީވީ މޯލްޑިވްސް އިން ގެނެސްދެމުންދިޔަ އޮފީސްތަކުގެ ޓލެޑްރާމާ މުބާރާތަކީ 1994ވަނަ އަހަރުން ފެށިގެން ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ. މިމުބާރާތުން ވިދާލި ގިނަ ތަރިން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފުންނާބު އުސްތަރިންގެގޮތުގައި މަޝްހޫރުވެފައިވެއެވެ.

މިއަހަރުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު މިމުބާރާތުގެ ނަތީޖާ ރޯދަމަސް ނިމުމާއެކު ވީއެންމެ އަވަހަކަށް ބާއްވާނެކަމަށް ޕީއެސްއެމުން ވިދާޅުވެއެވެ. އެގޮތުން އެންމެމޮޅު ޑްރާމާއަކަށް ފަންސާސް ހާސް ރުފިޔާ ދޭން ނިންމާފައިވާއިރު އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަކަށް ފަނަރަހާސް ދޭންވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުންވެސް އެންމެމޮޅު ސަޕޯޓިން އެކްޓަރާއި ނިއުކަމަރ އާއި ވިއުވަރސް ޗޮއިސް އަދި އެންމެ މޮޅު ޑިރެކްޓަރ ހޮވުމަށްވެސްވަނީ ހަމަޖެހިފައެވެ. ޕީއެސްއެމުން އުއްމީދުކުރަނީ މިއަހަރުގެ މުބާރާތުންވެސް ހުނަރުވެރި ފަންނާނުންތަކެއް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ތަޢާރަފްވެގެންދާނެކަމަށެވެ.