ޚަބަރު

ހުރާ ކައުންސިލް ކަޕުން ހުރާއަށް ފުޓުބޯޅައިގެ ފޯރި އަނބުރާ އަންނާނެ - އަލީ ޝިޔާމް


ހުރާ ކައުންސިލް ކަޕްގެ ސަބަބުން ހުރާ ފުޓްބޯޅައިގެ ކުރީގެ ފޯރި އެނބުރި އަންނާނެކަމަށް ޤައުމީ ޓީމްގެ ކުރީގެ ފޯވާޑް އަލީ ޝިހާމް ބުނެފިއެވެ.

ހުއްރިއްޔާ ސްޕޯޓްސް ކުލަބާއި، ޤައުމީ ޓީމްގެ ކުރީގެ ފޯވާޑް އަލީ ޝިހާމް ބުނީ ހުރާ ކައުންސިލްކަޕަކީ ފަނޑުވެފައި އޮތް ހުރާގެ ފުޓްބޯޅައިގެ ފޯރި އަނެއްކާވެސް ގަދަ ކޮށްލާނެ މުބާރާތެއްކަމަށެވެ. މީގެ ދެ ތިން އަހަރު ކުރިން ފުޓްބޯޅައަށް އޮންނަ ފޯރިއާއި ޝައުގުވެރިކަން ހުރާގައި މަޑުވެފައި އޮއްވާ ފެންވަރު ރަނގަޅު ދަނޑަކާއިއެކު ފޯރިގަދަ މުބާރާތެއް ބޭއްވުމާއިއެކު ދެހާހުގެ ކުރީކޮޅު ރަށުގައި އޮތް ފޯރި އަނެއްކާވެސް މިރަށުން ފެންނަން ފަށައިފިކަމަށް ޝިހާމް ބުންޏެވެ.
ހުއްރިއްޔާގައި ވިދާލުމަށްފަހު ކުލަބު ވެލެންސިޔާއާއި ނިއުރޭޑިއަންޓަށްވެސް ކުޅުނު އަލީ ޝިހާމް ބުނީ ދުވަހަކުވެސް ހުރާގައި ފެންވަރު ރަނގަޅު ދަނޑެއް އެޅޭނެކަމަށް އުއްމީދުވެސް ނުކުރާކަމަށާއި، މިއީ ފުޓްބޯޅައިން ކުރިއަށްދާން ބޭނުންވާ ޒުވާން ކުދިންނަށްވެސް ލިބުނު ރަނުގެ ފުރުސަތެއްކަމަށެވެ. އަދި މިހާރު ކުރިއަށްދާ ކައުންސިލް ކަޕާއިއެކު ހުރާގެ ފުޓްބޯޅައިގައި ކުރިން އޮތް ފޯރި އަނބުރާ އައިސް މޮޅު ކުޅުންތެރިންތަކެއް އެ ރަށުން ފެނުމަކީ އުއްމީދުކަމަށްވެސް ދެ ފަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ އަލީ ޝިހާމް ބުންޏެވެ.