ޚަބަރު

އިންޓަރ ސްކޫލް މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް ޣާޒީ ސްކޫލަށް


މިހާރު ކުރިޔަށްދާ ދިރާގު އިންޓަރ ސްކޫލް ފަނަރަ އަހަރުން ދަށުގެ މުބާރާތުގައި ގްރޫޕް އޭއިން ޣާޒީ ސްކޫލް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޣާޒީ ސްކޫލް ކުއާޓަރ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ބަކީ އެއްމެޗު އޮއްވައެވެ. މުބާރާތުގައި އިއްޔެ ޣާޒީ ސްކޫލާއި ހުރަވީ ސްކޫލް ބައްދަލުކުރި މެޗު ޣާޒީ ސްކޫލް ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެއީ ސާދަ ސުމަކުންނެވެ.
މި މެޗުގައި ޣާޒީ ސްކޫލްގެ ހަތަރު ކުޅުންތެރިޔަކު ވަނީ ހެޓްރިކް ހަދާފައެވެ. އެއީ މީސަމް މުންތާޒެވެ، މުހައްމަދު ލަޔާން އަހުމަދު އަދި ހަސަން އަޒޫމް އަލީގެ އިތުރުން ޔޫސުފް ޝާއިފެވެ.
އެ ސްކޫލުން ޖެހި އަނެއް ދެ ލަނޑު އެ ސްކޫލަށް ޖަހައިދިނީ، ހުސައިން ލިދާން މުހައްމަދު އަދި އަހުމަދު އީރާޒެވެ.

މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ތާޖުއްދީން ސްކޫލް ކާމިޔާބުކުރީ ޖަމާލުއްދީން ސްކޫލާއި ވާދަކޮށް ދޭއް ސުމަކުންނެވެ. މި މެޗުގައި ތާޖުއްދީން ސްކޫލްގެ ލަނޑުތައް ޖަހައިދިނީ، ހުސައިން އިޔާސް ސައީދު އަދި މުހައްމަދު ސާއިން ސަލީމެވެ.

މި ނަތީޖާއާއެކު މި ގްރޫޕުން މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު މި ދެ ސްކޫލަށްވަނީ ފަހިވެފައެވެ. އެގޮތުން މި މެޗުން މޮޅުވި ތާޖުއްދީން ސްކޫލް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނުކުންނާނީ މުބާރާތުން ކަޓާފައިވާ ހުރަވީ ސްކޫލާއި ދެކޮޅަށެވެ.

މި މެޗުން މޮޅުވެގެން ކުއާޓާގެ ޖާގައެއް ތާޖުއްދީން ސްކޫލަށް ކަށަވަރުކުރެވެން އޮތްއިރު، ޖަމާލުއްދީން ސްކޫލް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ޣާޒީ ސްކޫލާއެވެ.
ކުއާޓަރ ފައިނަލުން ޖާގައެއް ހޯދުމަށްޓަކައި ޖަމާލުއްދީން ސްކޫލަށް ޣާޒީ ސްކޫލް ބަލިކުރަން މިހާރު ވަނީ މަޖުބޫރުވެފައެވެ.