ޚަބަރު

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ހައިކޯޓުން މަސައްކަތް ފަށައިފި


ޕްލާސްޓިކް ބޭނުންކުރާ އަދަދު މަދު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމާއި ބައިވެރިވެ އެއް ފަހަރު ބޭނުން ކޮށް އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ މަސައްކަތް ހައިކޯޓުން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި ޕްލާސްޓިކް ބޭނުންކުރާ އަދަދު މަދު ކުރުމުގެ ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހަރަކާތް އިފްތިތާހްކޮށްދެއްވީ، ހައި ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުސްމާނެވެ.

މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ހައި ކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާން ވަނީ ސަރުކާރުން ފަށްޓަވާފައިވާ ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމްގައި، ހައިކޯޓުންވެސް ބައިވެރިވުމަކީ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ހައިކޯޓްގައި އެންމެ ގިނަ ދުވަސްވީ ތިން މުވައްޒަފުންކަމަށްވާ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަރްޔަމް ރަޝީދާ، އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާތިމަތު ނީޝާ އަދި، ނާހިދާއަށް ވަނީ ބިއްލޫރި ފުޅި ހަދިޔާކޮށްފައެވެ.

އެއް ފަހަރު ބޭނުން ކޮށް އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން، ހައި ކޯޓުގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނަށް ވަނީ ބިއްލޫރި ފުޅި ހަދިޔާކޮށްފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، މަދުކުރުމުގެ މަސައްކަތް ރަސްމީކޮށް ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 2 ވަނަދުވަހުއެވެ. މި ހަރަކާތް ރަސްމީކޮށް ފައްޓާވާދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރައީސް އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ބިއްލޫރިފުޅި ހަދިޔާކުރައްވާފައެވެ.