ޚަބަރު

މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދަނީ


ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުން ކުރާނެ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.

އީސީން ވިދާޅުވީ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާސް ޗާޕް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އީސީން ވިދާޅުވީ އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށާއި، އެ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ޕްރޮޖެކްޓް ނަންބަރާއި ކޮންޓްރެކްޓަރުގެ ނަމުގެ އިތުރުން ބީލަން ހުޅުވަން ކަނޑައަޅާފައިވާ ވަގުތާއި ތާރީޚް ލިޔެފައި އޮންނަންވާނެ ކަމަށެވެ.

މީގެ އިތުރުން ވޯޓު ކަރުދާސް ޗާޕް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމާއި ގުޅޭ މައުލޫމާތު ދިނުން އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު އިލެކްޝަންސް ކޮމިޝަންގެ މައި އޮފީހުގައި އޮންނާނެ ކަމަށް އީސީން ވިދާޅެވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާހާއި ގުޅީގެން ގިނަ މައްސަލަތަކެއް ފެންމަތިވެކޮށް އެ މައްސަލަތައް ސުޕްރީމްކޯޓަށްވެސް ހުށައަޅާފައިވެއެވެ. އޭގެތެރޭގައި ވަކި ބަޔަކަށް ވޯޓް ކަރުދާސް ޗާޕުކުރަން ހަވާލުކުރުމާއި ސެކިއުރިޓީ ފީޗަރސް ބަލާފައިނުވާކަމަށް ބުނާ މައްސަލަތައް ހިމެނެއެވެ. އެ މައްސަލަތައް ސުޕްރީމްކޯޓަށް ހުށައަޅުއްވާ އިންތިޚާބު ބާތިލުކޮށްދެއްވުމަށް އެދިވަޑައިގަތީ އިންތިޚާބުން ނާކާމިޔާބު ވެޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. އެހެންނަމަވެސް އެ މައްސަލަތައް ނިމިފައިވަނީ ޔާމީނާއި ދެކޮޅަށެވެ.

މިދިޔަ އިންތިޚާބުގައި ވޯޓް ކަރުދާހާއި ގުޅިގެން އުފެދުނު މައްސަަލަތަކާއި ގުޅިންގެން ވޯޓް ކަރުދާހުގައި ހުންނަ ސެކިއުރިޓީ ފީޗަރސްގެ އިތުރުން މިފަހަރު އިންތިޚާބުގައި ބޭނުންކުރާ ކަރުދާހުގައި އިލިކްޝަންސް ކޮމިޝަންގެ ތައްގަނޑު ޖަހަން އީސީން ވަނީ ނިންމަވާފައެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި 39 ރިސޯޓާއި ރާއްޖެއިން ބޭރުގެ 7 ޤައުމެއް ހިމެނޭ ގޮތަށް 507 ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އަދި މި އިންތިޚަބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ނަންތައް އިއުލާންކުރުން އޮންނާނީ މާދަމާރެއެވެ.